ކ. ތިލަފުށީގައި 100 މީޓަރުގެ އެއްގަމު ތޮއްޓެއް ހަދައި، ޕޭވްމަންޓު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާ ޙަވާލުކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ.

އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ޙުސެއިން ޝަފީގެވެ.

ެެއެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން ބަނދަރުގެ ބޭސިން ހިއްކުމާއި، 112 މީޓަރު އެއްގަމު ތޮށި ޝީޓްޕައިލް ކުރުމާއި، 30 ޓަނުގެ ބޯލާޑްސް ޖެހުމުގެ އިތުރުން ކޮންކްރީޓް ޕޭވިންގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައި ވަނީ، 18.80 މިލިޔަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، އެމްޕީއެލްއިން ތިލަފުށީގައި ހިންގާ އޮޕަރޭޝަންތަކަށް ލުއިކަމެއް ލިބި، ދެވޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށެވެ.