ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް ޢަދީލް ޖަލީލް (ގ. ފަހިވާގެ / ކ. މާލެ) ގެ މައްޗަށް މަނީ ލޯންޑްރިންގ ކުށުގެ ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ އެ ކޮމިޝަނާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ދަށުން، އެ މައްސަލަ ޕީޖީ އޮފީހަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އޭސީސީން ބުނީ މި މައްސަލައިގައި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެ ފައިސާ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑް (އެސްއޯއެފް) ގެ ބޭންކް އެކައުންޓުތަކަށް ޖަމާކޮށް، ކުރީގެ ނައިބު ރައީސް، އަޙްމަދު އަދީބު ޢަބްދުލްޣަފޫރު މެދުވެރިވެގެން، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން ބައްސާމުގެ ބޭންކް އެކައުންޓަށް 29,000.00 (ނަވާވީސް ހާސް) އެމެރިކާ ޑޮލަރު ޖަމާކޮށްފައިވާކަން ތަޙުޤީޤަށް ސާބިތުވެފައިވާ ކަމަށެވެ.

މި ފައިސާ ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ޚަރަދުކޮށްފައިވާކަން ތަޙުޤީޤަށް ފާހަގަވެފައިވާ ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބައްސާމުލް ވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ރަށްތަކާއި ފަޅުތައް ވިއްކުމުގެ ކަންކަމުގައި ބައިވެރިވެ، ރަށްތަކާއި ފަޅުތައް ކުއްޔަށްދިނުމާ ގުޅޭ ބައެއް އެއްބަސްވުންތަކުގައި އެ ކުންފުނީގެ ފަރާތުން ހެއްކެއްގެ ގޮތުގައި ސޮއިކޮށްފައި ކަމަށްވެސް އޭސީސީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އޭސީސީގެ ބަޔާނުގައި ބުނީ މި މައްސަލައިގައި ބައްސާމުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައި ވަނީ ޤާނޫނު ނަންބަރު 10/2014 (މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމްއަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 53 ވަނަ މައްދާގެ (ހ) ގެ ދަށުން ކަމަށެވެ.