ކުޑަކުދިން މެދުވެރިކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރުވިކަމުގެ ތުހުމަތުގައި ގއ. ވިލިނގިލިން 2 ފިރިހެނުން ހައްޔަރުކޮށްފިއެވެ.

އެ މީހުން ހައްޔަރުކޮށްފައިވަނީ ކުޑަކުދިން ބައިވެރިކޮށްގެން މަސްތުވާތަކެތި ވިއްކާ ފަރާތްތަކަށް އަމާޒުކޮށް، ގއ. ވިލިނގިލި ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުން ބުނީ 2026 މެއި 28 ވަނަ ދުވަހުގެ ހެނދުނު ހިންގި މި އޮޕަރޭޝަނުގައި 4 ގެއެއް ބަލައި ފާސްކޮށް، ޖުމްލަ 66.92 ގްރާމް މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ.

އެގޮތުން އޭގެ ތެރޭގައި 53.91 ގްރާމް ބްރައުން ޝުގަރ އާއި 13.01 ގްރާމް މެތަފެޓަމިން ހިމެނޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އެ ނެޓްވޯކުގެ އިސް ފަރާތްތައް ކަމުގައި ފާހަގަކުރެވޭ އެތެންސް / ގއ. ވިލިނގިލި، މުޙައްމަދު ޢަޠޫފް ޙަބީބް (25އ) އާއި ދެތަޑިމާގެ / ގއ. ވިލިނގިލި، މުޙައްމަދު ރާއިފް ޙުސައިން (20އ) ކަމަށެވެ.

އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު ޢަޠޫފް 15 ދުވަހަށް ބަންދު ކުރުމަށް އަދި މުޙައްމަދު ރާއިފް ޙުސައިން 10 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 17/2011 އަށް އަލަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން، މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި އެކްސްޕްލޮއިޓްކުރެވޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދީ އެ މީހުން އެކަމުން ދުރަށް ގެންދެވޭނެ ގޮތްތައް ހޯދުމުގެ މަގުސަދުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު 19/2019 ގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުދިން އެކްސްޕްލޮއިޓްކުރުމުގެ ކުށްތަކުން ސަލާމަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެއް ކަމަށެވެ.

މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގުކުރަމުންނެވެ.