ކ. ގަލުފަޅު ކަރިން މިއަދު ސަޕްލައި ދޯންޏަކާއި ލޯންޗެއްޖެހި ހިނގި ކަނޑުމަތީގެ ނުރައްކާތެރި ހާދިސާގައި އެކްސިޑެންޓަށް ފަހު މަޑުނުކޮށް ދިޔަ އުޅަނދުގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ ހާދިސާގެ ތަހުގީގުގައި ކުރި މަސައްކަތުން، އެ ލޯންޗު ޖެހުނު އުޅަނދު މިހާރު ދެނެގަނެވިފައިވާ ކަމަށާއި އެ ލޯންޗު ޖެހިފައި ވަނީ ސަޕްލައި ދޯންޏެއްގައި ކަމަށެވެ.
އެގޮތުން އެ އެކްސިޑެންޓަށްފަހު އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިއަދު ހެނދުނު 6:30 ހާއިރު އެކްސިޑެންޓުވީ ދެ މީހުންނާއެކު، ދަތުރުކުރަމުން އައި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގި ވަގުތު ލޯންޗުގައި ތިބީ ދެ ފަޅުވެރިން ކަމަށެވެ.
އެއީ 38 އަހަރުގެ ދިވެހި ފިރިހެނަކާއި 30 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
އެ ދެ މީހުންނަށް ބޮޑެތި އަނިޔާތަކެއް ވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށް ކަމަށް ވެސް އެމްއެންޑީއެފުން ކުރިން ބުނެފައި ވެއެވެ.
ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އެ ދެ މީހުންގެ ހާލަތު މިހާރު ރަނގަޅުވަމުން އަންނަ ކަމަށެވެ.