މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކަށާއި ބިން ހިއްކުމުގެ މަޝްރޫޢުތަކަށް ތެލުގެ މައްސަލައިގައި އަސަރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ރަސްމާލޭގެ ބިން ހިއްކުމުގެ މަޝްރޫޢުއާ ބެހޭ ގޮތުން ވާހަކަ ދައްކަ ވަމުން ވަނީ މިހާރު ރަސްމާލޭގެ 60 އިންސައްތަ ބިން ހިއްކާފައިވާ ކަމަށް ވިދާޅުވެފައެވެ.
އަދި އެ މަޝްރޫޢުތަކަށް މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވި ދަތިތައް ހައްލުކުރެވި، ދާދި އަވަހަށް މަޝްރޫޢުތައް ހަލުވިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެހެންނަމަވެސް ކުޑަ މެދު ކެނޑުމަކަށް ފަހު މިހާރު އަލުން މަސައްކަތް ފެށުމަށް ދެފަރާތުން ވެސް އެގްރީމެންޓެއް އެއްބަސްވެވިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެމްއޭސީއެލް އާއި ފިނޭސްއާއި ދެމެދު މަޝްވަރާކޮށް ވަރަށް އަވަހަށް ހަމަޖެހިގެން އާ ޝެޑިއުލް އެއްގެ ތެރެއިން މަސައްކަތްތައް ފަށާނެ ކަމަށެވެ.
އެއާއެކު ރައީސް ވަނީ ގިރާވަރު ފަޅަށް ވެސް މެދު ކުނޑުމެއް އައިސްފައިވާކަން ފާހަގަ ކުރައްފައެވެ.
ކުންފުނިތަކާ ޙަވާލުކުރައްވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ފެއްޓެވި ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ދުވެއްޔަށް މަޑުޖެހުމެއް އައި ނަމަވެސް، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ އެނޫންވެސް ގޮތްގޮތުން ކުރިމަތިވި މައްސަލަތައް ހައްލުކުރެވި، ދުވެލި ހަލުވިވެގެންދާނެކަމުގެ ޔަޤީންކަންދެއްވައި، މިފަދަ ބައެއް މަޝްރޫޢުތަކުގެ އަދާހަމަ، އެމަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.
މަޝްރޫޢުތަކުގެ ދުވެލި ހަލުވިވެގެންދާއިރު، މަޑުޖެހުނުތަން ފޫބެދިގެންދާނެކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.