ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ދިވެހީންނަކީ ހުރިހާ މާނައެއްގައިވެސް އިސްލާމްދީނާއި ގާނޫނު އަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބައެއް ކަމަށާއި، ހުރިހާ ކަމެއްގައި ވެސް އަމަލީގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެކަމަށެވެ. އެގޮތުން ނަމާދު ވަގުތު ފާއިތުވާއިރުވެސް ކުޅިވަރު ކުޅުމުގައި ތިބުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ކުޅިވަރާ ބެހޭ ވުޒާރާއިން އެކި ފަރާތްތަކާ ހަވާލުކޮށްގެން އަޅާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރު ކުޅޭ އިމާރާތްތަކާއި މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށެވެ. އެއާއެކު ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ މަގު ފަހިވެގެންދާނެ ކަމުގައި ރައީސް ފާހަގަކުރެއްވި އެވެ.
މީގެއިތުރުން ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުތަކަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތަ އިންސައްތަ އިސްލާމީ ގައުމަކަށް ވާއިރު، މި މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒުކުރެވެން ޖެހޭނީ އިސްލާމީ ހަމަތަކުގެ މައްޗަށް ބިނާވެގެން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި އެކަންކަން ތަންފީޒުކުރެވޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.