ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭކަމަށް ދެކެވޭ ވާހަކަތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފި އެވެ.
ރައީސް އޮފިހުގައި މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި، ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ނޫސްވެރިއަކު ކުރިި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، އެއީ ތެދު ވާހަކައެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަށް ވެސް މީސްމީޑިއާއިން އެފަދަ ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް ފެނިވަޑައިގެންނެވި ކަމަށާއި، ނަމަވެސް އެ ވާހަކަތަކުގައި އެއްވެސް ތެދެއް އެކުލެވިގެން ނުވާ ކަމަށެވެ. އަދި ނޫސްވެރިންގެ ނަމުގައި އުޅޭ ސިޔާސީ އެކްޓިވިސްޓުން އެފަދަ ވާހަކަތައް ފަތުރަމުންދާ ކަމުގައި ވިދާޅުވެ އެ މަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
މީގެއިތުރުން ރައީސް ވަނީ އެ މަނިކުފާނު ދާދި ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކައް ވެސް ރައްދު ދެއްވާފަ އެވެ. އެގޮތުން އެ ދަތުރުފުޅުގެ ބެނުމަކީ، އޭރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހްމަދު ނާޒިމާ ބައްދަލުކުރެއްވުން ކަމަށް ފެތުރިފައިވާ ވާހަކަ ދޮގުކުރައްވައި ރައީސް ވިދާޅުވީ، ސިންގަޕޫރަށް ވަޑައިގަތީ އާއިލާއާއެކު ޗުއްޓީ ހޭދަކުރެއްވުމަށް ކަމަށެވެ.
ރައީސް ވިދާޅުވީ އެ ވާހަކަތަކަކީ ބުހުތާނު ދޮގަށްވުރެވެސް ބޮޑެތި ދޮގުތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ގެނެސްދިނުމަކީ ނޫސްވެރިކަން ކުރުން ނޫންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަކިކުރަން އުޅޭ ކަމަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، އެފަދަ ދޮގު ވާހަކަތައް ފެތުރުމާ މެދު ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އެ ވާހަކަތައް ފަތުރާ މީހުން އެކަން ކުރަނީ އަމިއްލައަށް ފަލީހަތްވިޔަސް ހެޔޮވެގެން ކަމަށާއި، އެއީ ސިޔާސީ ބޭނުމަށް ކުރާ ކަންކަން ކަމަށް ވިދާޅުވެ ރާއްޖޭގެ ސިޔާސީ ހާލަތާ މެދު އެ މަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.