ގުޅީފަޅުގައި މިހާރު ކުރިއަށް ދަނީ ޔުޓިލިޓީސް ގާއިމް ކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގުޅީ ފަޅުގައި މިހާރު ކުރިއަށް ދަނީ ޔުޓިލިޓީސް ގާއިމް ކުރުމުގެ މަސައްކަތުގެ ތެރެއިން ފެނާ، ނަރުދަމާ އަދި ކަރަންޓުގެ މަސައްކަތް ކަމަށެވެ.
ރައީސް ވިދާޅުވީ ރިޔާސީ ބަޔާނުގައި އާރްޑީސީގެ ވަކި ސެޓަޕެއް ގުޅީ ފަޅުގެ ޔުޓިލިޓީސްއަށް ހާއްސަކޮށްގެން ފަށާނެ ކަމަށް ފާހަގަކޮށްފައިވާނެކަމަށާއި އެކަން ކުރިޔަށްދާ ކަމަށެވެ.
އަމަލީ ގޮތުން ޔުޓިލިޓީގެ މަސައްކަތްތަށް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ އިތުރުން ގޯތި ހަވާލުކުރުމަށް ކަޑަ ޖަހާ ބިން ހަވާލުކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ދާ ކަން ރައީސް ފާހަގަކުރެއްވިއެވެ. ނަމަވެސް ބައެއް ފަރާތްތަކާއި ނުގުޅިގެންދާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހައުސިންގ މިނިސްޓްރީން ވެސް ވަރަށް ބޮޑު އިސް ކަމެއްދީގެން ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގޯތި ހަވާލު ނުކުރެވި ވަނީ ހަމައެކަނި ބްރިޖްގެ މަސައްކަތް ކުރުމަށް ނަގާފައި ހުރި ސައިޓްތަކުން ހުރި ގޯތިތައް އެކަނި ކަމަށް ރައީސް ވިދާޅުވިއެވެ. މި ވަގުތަށް ބްލޮކް ވެފައި ހުރި ހުރިހާ ސަރަހައްދެއް ފިޔަވައި އެހެން ހުރިހާ ސަރަހައްދަކުން ގޯތި ދިނުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.