ގދ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް)ން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 8:20 އިން 15:00 ހަމަޔަށެވެ.
އެ ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް މެޓުން ލަފާކުރެއެވެ.
މެޓް އޮފީހުން ވަނީ މިއަދު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށް ބުނެފައެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 05 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގައި ވައިޖެހޭނެ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް މެޓް އިން ވަނީ ލަފާކޮށްފައެވެ.
އަދި ދެކުނުގައި ކަނޑު އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ކަނޑުތައް ގަދަވާނެ ކަމަށް މެޓް އިން ވަނީ ބުނެފައެވެ.
މެދުރާއްޖެތެރެ އާއި އުތުރުގައި ރާޅުގެ އުސްމިނުގައި 3 - 6 ފޫޓު އަދި ދެކުނު ރަށްތަކުގައި 2 - 4 ފޫޓު ހުންނާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ.
ފާއިތުވެދިޔަ 24 ގަޑިއިރުތެރޭގައި ވާރޭ އެންމެ ބޮޑަށް ރެކޯޑު ކުރެވިފައިވަނީ ހދ. ހަނިމާދޫގައެވެ. އެއީ 94.8 މިލިމީޓަރ އަށެވެ.