ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމަށް އޭދަފުށި ދާއިރާގެ ޕީއެންސީ މެމްބަރ އަހުމަދު ސަލީމް އިންތިޚާބުކޮށްފިއެވެ.

ނައިބު ރައީސްކަމުގެ މަގާމަށް މެމްބަރަކު އައްޔަނުކުރުމަށް މިއަދު ބޭއްވި ޖަލްސާގައި ސިއްރުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ ތެރެއިން 62 މެމްބަރުން ވަނީ ސަލީމު ނައިބު ރައީސްކަމަށް އައްޔަނުކުރަން ފެންނަކަމަށް ވޯޓު ދެއްވާފައެވެ. ދެން ނައިބު ރައީސްކަމަށް ހުށަހަޅާފައިވާ ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސައިން ޒިޔާދަށް ވަނީ 10 ވޯޓު ލިބިވަޑައިގަންނަވާފައެވެ. ބާތިލްގެ ގޮތުގައި 2 ވޯޓެއް ވަނީ ގުނާފައެވެ.

ސަލީމްގެ ނަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރ އިބްރާހީމް ފަލާހުއެވެ. ފަލާހުގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއުއަށެވެ.

ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އަބްދުލްޣަފޫރު މޫސާ ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެމްބަރ ހުސައިން ޒިޔާދުގެ ނަމެވެ. އެނަމަށް ތާއީދުކުރެއްވީ ތޮއްޑޫ ދާއިރާގެ މެމްބަރ ހުސައިން ސަމީރެވެ.

ވޯޓުގެ ކަންކަން ކުރިޔަށްގެގޮސްފައިވަނީ 5 މެމްބަރުންގެ ކޮމިޓީއަކުންނެވެ. އެ 5 މެމްބަރުންނަކީ:

މަނަދޫ ދާއިރާގެ މެމްބަރ ހުސްނީ މުބާރަކު (ޕީއެންސީ)

ބާރަށު ދާއިރާގެ މެމްބަރ އިބްރާހީމް ޝުޖާއު (ޕީއެންސީ)

ހުރާގެ ދާއިރާގެ މެމްބަރ ޑރ އަނާރާ ނައީމު (ޕީއެންސީ)

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް (އެމްޑީޕީ)

ތުޅާދޫ ދާއިރާގެ މެމްބަރ އަބްދުލްހަންނާނު އަބޫބަކުރު (އަމިއްލަ)

އޭދަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމް އަކީ 17 ވަނަ މަޖިލީހުއްސުރެ މަޖިލީހުގައި މެދުކެނޑުމެއްނެތި އިންނަވާ މެމްބަރެކެވެ. މީގެއިތުރުން ސަލީމަކީ 20 ވަނަ މަޖިލީހުގެ އެންމެ މުހިންމު އެއް ކޮމިޓީ ކަމަށްވާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރެވެ. އަދި މާލިއްޔަތު ކޮމިޓީގެ ނައިބު މުގައްރިރެވެ.

މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް އެމަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ނާޒިމް އެމަގާމުން އިސްތިއުފާދެއްވީ ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ގޮތެއް ނިންމުމަށް އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފެށުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ. ނާޒިމް އިސްތިއުފާދެއްވިކަން ހާމަކުރައްވާފައިވަނީ އެކްސްގައި އާންމުކުރެއްވި ބަޔާނެއްގައެވެ. އެ ބަޔާނުގައި ނާޒިމް ވަނީ، އޭނާގެ މައްޗަށް ކުރައްވާ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

އިސްތިއުފާދެއްވާ އާންމުކުރެއްވި ބަޔާނުގައި ނާޒިމް ވިދާޅުވީ އޭނާގެ މައްޗަށް އުފުލާފައިވާ ތުހުމަތުތައް ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް އެ ގަރާރުގައި ބަޔާންކޮށްފައި ނުވާތީއާއި އެއްވެސް ފަރާތަކުން ނާޒިމް ގާނޫނާއި ގަވައިދާއި ހިލާފުވެއްޖެކަމުގެ ޝަކުވާއެއް އުފުލާފައި ނުވާތީ އެ ހުރިހާ ތުހުމަތުތަކަކީވެސް އެއްވެސް އަސާސެއްނެތް ކަންތައްތައް ކަން ފާހަގަކުރައްވާ ކަމަށެވެ. އަދި މަޖިލިހުގެ ނައިބު ރައީސްގެ ވާޖިބުތަކާއި ޒިންމާތައް އަދާކޮށްފައިވާނީ ގާނޫނާ އެއްގޮތަށް ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ކަމަށާއި އެއްވެސް ހާލަތެއްގައި މަގާމުގެ ޒިންމާއިން ބަރީއަވެ މަގާމުގެ ޒިންމާ އަދާކުރުމުގައި ފަސްޖެހިފައި ނުވާނެ ކަމަށް ނާޒިމް ވިދާޅުވެފައި ވެއެވެ.

ހަމައެހެންމެ އެއްވެސް މެންބަރެއްގެ މަސްއޫލިއްޔަތަށް ހުރަސްއަޅާފައި ނުވާނެ ކަމަށާއި އޭނާ މަގާމުން ވަކިކުރުމަށް ޕީޖީ ގްރޫޕުގެ ހުރިހާ މެންބަރުން ސޮއިކުރައްވާފައިވާތީ، އެކަމަށް އިޖާބަ ދިނުމަކީ ޑިމޮކްރެސީގެ ހަމަތަކުން އެންމެ ތަހުޒީބީ ގޮތް ކަމަށް ދެކޭ ކަމަށް ނާޒިމް ވިދާޅުވި އެވެ. މީގެ އިތުރުން މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ދައުލަތުގައި ގާނޫނުގެ ވެރިކަން ނަގަހައްޓައި، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ނާޒިމް ވަނީ ދެއްވާފައެވެ.