ދެ މީހުންނާއިއެކު ދަތުރުކުރަމުންދިޔަ "ޓުއަރ ގާރޑް" ނަމަކަށް ކިޔާ ލޯންޗެއް އެކްސިޑެންޓްވެ، އޭގައި ތިބި ދެމީހުންނަށް ސީރިއަސް އަނިޔާތަކެއްވެގެން ފަރުވާދޭން ފަށައިފިއެވެ.

މިހާދިސާ އާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިގެން އެމްއެންޑިއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އަދި މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ބޮޑެތި ހާނިކަތަކެއް ލިބިގެން އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި މީހުންނަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހޮސްޕިޓަލުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއެންޑީއެފްއިން އާއްމުކޮށްފައިވާ ފޮޓޯއިން ފެންނަ ގޮތުގައި މި ލޯންޗުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

އެމްއެންޑީއެފްއިން ބުނިގޮތުގައި މި ލޯންޗް ދަތުރު ކުރަމުން ދިޔައީ ވިލިނގިލިން ފުރައިގެން ގިރިލަންކަންފުއްޓަށް ދިއުމަށެވެ. ލޯންޗް އެކްސިޑެންޓްވީ ވިލިނގިއްޔާ ވަރަށް ކައިރީގައި އޮއްވާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.