ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ކުރިއަށް ގެންދާ "މެޑިކަލް ވެލްފެއާ ސްކީމް" ގެ ދަށުން ދެމުންގެންދާ ހިދުމަތްތައް އާސަންދަ ކުންފުނީގެ ދަށަށް ބަދަލުކޮށްފި އެވެ.
ސިއްހަތާ އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ، މާދަމާއިން ފެށިގެން އެންސްޕާގެ ބައެއް ހިދުމަތްތައް ލިބޭނީ އާސަންދައިގެ ދަށުން ކަމަށެވެ.
އެގޮތުން އާސަންދަ ކުންފުންނީގެ ދަށަށް ބަދަލުކޮށްފައިވާ ހިދުމަތްތަކަކީ:
ގޯޝަން ބަލި ތަޙައްމަލްކުރަމުންދާ ފަރާތްތަކަށް ބޭސް ގެނައުމާއި ފޯރުކޮށްދިނުން,
- ކެންސަރ ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުން,
- ފަރުވާ ކުރިއަށްގެންދިއުމަށް ބޭނުންވާ ބޭހުގެ ތެރެއިން ރާއްޖެއިން ލިބެންނެތް ނުވަތަ އެޕްރޫވުޑް ޑްރަގް ލިސްޓްގައި ނުހިމެނޭ ބޭސް ހޯދުމަށް އެދޭ ފަރާތްތަކަށް އެހީވުން,
- ފަރުވާ ކުރިއަށް ގެންދިއުމަށް ރާއްޖެއިން ނުލިބޭ ބޭސް އަދި އާންމުކޮށް ބޭނުންވާ ބޭސް ހޯދުމަށް ދެވޭ ފައިސާގެ އެހީ,
- އާސަންދަ ހަމަޖެހިގެން ބޭރުން ފަރުވާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ޓިކެޓް,
- ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް ދިމާވާ ޞިއްޙީ ކަންކަމަށް ދެވޭ އެހީ,
- ޕަބްލިކް ހޮސްޕިޓަލުންނާއި އާސަންދައިން ކަވަރ ނުކުރާ ޓެސްޓްތަކާއި ތަޙްލީލްތަކަށް ދެވޭ އެހީ,
- ފަރުވާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އެކިއެކި އާލަތްތަކާއި، މެޝިން ( އެސިސްޓިވް ޑިވައިސަސް) އަދި މެޑިކަލް ކޮންސިއުމަބަލްސް ފަދަ ތަކެއްޗަށް ފޯރުކޮށްދޭ އެހީ,
- ދެވޭ އިތުރު އެހީއެއް ނެތް ކަމަށް ކަމާބެހޭ ޚާއްސަ ޑޮކްޓަރަކު ލަފާ ދިނުމަށްފަހު އެނބުރި ރާއްޖެ އަންނަން ނުވަތަ ފަރުވާ ފުރިހަމަކުރުމަށްފަހު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ އެހީ ބޭނުންވާ ފަރާތްތަކަށް (ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން) އެހީވުން,
- ތެލެސީމިއާ ކުދިންގެ ބޯންމެރޯ ހެދުމަށްފަހު ފޮލޯއަޕް ހެދުން,
- އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށް ފަރުވާ ކުރުމަށް ދިއުމަށްފަހު ދިމާވާ ދަތިތަކާއި ގުޅިގެން ދެވޭ އެހީ,
- ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ރިފަރަލް ހެދުން,
- ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލް ބަދަލުކުރުމާއި ކޮންސެންޓް ނެގުން,
- މެރަނަ ސްކީމުގައި ރަޖިސްޓަރީ ކޮށްފައިވާ ދިވެހިންނަށް އެމަރޖެންސީ ހާލަތެއް މެދުވެރިވެއްޖެނަމަ، މެރަނަ ސްކީމުގެ ކަވަރޭޖް ބޮޑުކޮށްދިނުން,
- ރަށަކުން ފޯމު ފުރައި ދެއްވާ ޑޮކްޓަރަކީ ކަމުގެ ޚާއްސަ ޑޮކްޓަރަކަށް ނުވާނަމަ، އިތުރު އޮޕީނިއަންނެއް ހޯދުމަށް ބަލިމީހާއަށް އެންގުމުން، އިތުރު ތަކުލީފްތަކެއް ދިމާވުމުން، އަދި ރިފަރކުރަން ހުށަހަޅާ ސަބަބަކީ ރަށުން ލިބޭ ފަރުވާއަކަށް ނުވިނަމަވެސް މާލެއިން ލިބޭ ފަރުވާއެއް ނަމަ ރިޖެކްޓްވުން,
- ވެލްފެއަރގެ ސްކީމްގެ ދަށުން ލިމިޓެއް ކަނޑައަޅައިގެން ފޮނުވާ ފަރާތްތައް ރީކޮންސިޑެރޭޝަނަށް ހުށަހެޅުމުން ކޮމިޓީން ރިކޮންސިޑަރކުރުމަށްފަހު އެ ލިމިޓް އިތުރު ކުރުން ނުވަތަ އިތުރު އެހީ ފޯރުކޮށްދިނުން,
ސިއްހީ ވުޒާރާއިން ވަނީ މި ހިދުމަތް ތަކާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން 1400 އަދި 1402 ނަންބަރަށް ގުޅުމަށް އެދިފަ އެވެ.