ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ، ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ލަފަޔާއެކު 4 ރުފިޔާއަށް ކުޑަކުރުމަށް ސަރުކާރުން މަޝްވަރާކޮށް ވިސްނަމުންދާ ކަމަށް ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާ ދުވަހާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، ކުރިން ޑިއުޓީ 3.50 ރުފިޔާއިން 8 ރުފިޔާއަށް ބޮޑުކުރީ ވޭޕް މަނާކުރުމުން ގިނަ ބަޔަކު ސިނގިރޭޓަށް އެނބުރިދާނެކަމަށް ދިރާސާތަކުންނާއި ތަޖުރިބާކާރުންގެ ލަފައިން ދެއްވުމުން ކަމަށެވެ.
އެހެންކަމުން އެއީ ސަރުކާރުން ނިންމި ވަރަށް އުނދަގޫ ނިންމުމެއްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ދިރާސާކުރުމަށްފަހު ޑިއުޓީ 4 ރުފިޔާއަށް ކުޑަކުރުމަށް މިހާރު ރާއްޖެއަށް ލަފާދީފައިވާތީ، ކަމާބެހޭ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު އެއްބަސްވެވޭނަމަ އެ ބަދަލު ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިފަދަ ބަދަލުތައް ގެންނާނީ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ފަންނީ މާހިރުންގެ ލަފާގެ މަތިންކަމަށެވެ.
ވަޒީރު އިހުސާން މިފަދައިން ވިދާޅުވެފައިވާއިރު މެއި މަހުގެ 11 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނޫސްވެރިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ނޫސްވެރިއަކު ވަނީ ސިނގިރޭޓް ޑިޔުޓީއަށް ލުއިދިނުމުގެ ވާހަކަތަކެއް އަޑުއިވޭކަމަށާއި އެފަދަ ލުޔެއް ދިނުމަށް ސަރުކާރުން ނިންމާފައިވޭތޯ ސުވާލުކޮށްފައެވެ. އެސުވާލުގެ ޖަވާބުގައި އެދުވަހު ރައީސް ވިދާޅުވީ ދުންފަތުގެ އަގު ބޮޑު ކުރުމުން ރައްޔިތުން އެކަމާ ދުރުވަނީ ، ދުރުވީ، ކިހާ މިންވަރަކަށްތޯ އާއި އެ ޑޭޓާ އަބަދުވެސް ކަލެކްޓްކޮށް އެކަމާ ބެހޭ ރިވިއުތައް އަބަދު ވެސް ހިނގާ ކަމަށާއި ޑަބްލިޔުއެޗްއޯއާއެކުވެސް އެމަޝްވަރާތައް ކުރިޔަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޑިޔުޓީ ކުޑަކުރުމުގެ މަޝްވަރާތަކެއް އޭރު ޑަބްލިޔުއެޗްއޯއާއެކު ނުކުރާކަމަށް އެދުވަހު ރައީސް ވިދާޅުވިއެވެ.
2024ން ފެށިގެން ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރުމާއެކު، ދުންފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250 އަށް އަރައިފައެވެ.