ދުންފަތާ ދެކޮޅަށް ޒުވާނުންނާއި ކިޔަވާ ކުދިން ހޭލުންތެރި ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރު ވުޒާރާތަކުން ނިންމައިފިއެވެ.

ވަޒީރުން މިކަން އިއުލާނުކުރީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ގީލާގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ދުންފަތުން ލިބޭ ސިއްހާ ގެންލުމާއި އިގްތިސާދީ ގެއްލުންތަކާއި ބެހޭ މައުލޫމާތު ތައުލީމީ ދާއިރާގެ ތެރެއިން ދަރިވަރުން އަދި ބެލެނެވެރިންނަށް ފޯރުކޮށް ދިނުމަށް ހަމަ ޖެހިފައިވާ ކަމަށެވެ.

ވޭޕް މަނާ ކުރުމުގެ ވާހަކަ ދެކެވުނު އިރު އެކަމުގެ އެންމެ ބޮޑު ކަންބޮޑު ވުމެއް އައީ ބެލެނިވެރިންގެ ފަރާތުންކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، އެގޮތުން އެ ވުޒާރާގެ ފަރާތުން އެކަމާ ގުޅިގެން ބެލެނި ވެރިންނާ ބައްދަލު ކުރި ކަމަށާއި، 215 ޕީޓީއާއި ބައްދަލު ކުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެން ކަމުން ވަރު ވިދާޅުވީ އެ ބައްދަލުވުމުގެ ތެރޭގައި ދަރިވަރުންގެ ހައްގުގައި އާއި ޒުވާނުންގެ ހައްގުގަ ވޭޕް މަނާ ކުރުމަކީ ކޮންމެހެން ކުރަންޖެހޭ މުހިންމެ ކަމެއް ކަމަށެވެ.

" ރާއްޖޭގެ މަދަރުސީ ނިޒާމަކީ އެންމެ ބޮޑު އެއް ނިޒާމް ބެލެނިވެރިން، މުދައްރިސުން ދަރިވަރުން އަޅުގަނޑުމެން އެންމެން ގުޅިގެން މި ފަދަ ޕްރޮގްރާމެއްގަ ބައިވެރި ވެއްޖެ ކަމުގަ ވަނިނަމަ އަޅުގަނޑައް ހަމަ ޔަގީން ވަރަށް ބޮޑު ކާމިޔާބީ އެއް ލިބިގެންދާނެ"

ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު

އެހެން ކަމުން ވަޒީރު ވިދާޅުވީ ތައުލީމީ ވުޒާރާގެ ފަރާތުން ކުރިޔަށް ގެންދާ " ބިންގާ ޕްރޮގްރާމް" ގެ ތެރެއަށް ދުންފަތާ ދުރުހެލި ކުރުމުގެ މައުލޫމާތު ދިނުމުގެ ބައި ހިމަނާފައި ވާނޭ ކަމަށެވެ.

އެގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ދުންފަތުގެ ނުރައްކަލުން ސަލަމާތް ކުރުމަށް ހުރިހާ ސުކޫލެއްގައި ވެސް މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

މީގެ އިތުރުން ކުޅިވަރާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވެސް ވަނީ ދުންފަތުން ލިބޭ ގެއްލުމާއި އެކަމުގެ ނުރައްކަލާ ބެހޭގޮތުން ޒުވާނުން ހޭލުންތެރިކުރުވުމަށް ޔޫތު ލީޑަރޝިޕް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްހަމަޖެހިފައިވާކަން ހާމަ ކުރައްވާފައެވެ.

" ޒުވާނުން ބާރު ވެރި ކުރުމުގެ ގޮތުން ޔޫތް ލީޑާޝިޕް ޕޮރޮގްރާމް ތަކެއް މިކަމާ ގުޅުން ހުންނާނެ ގޮތަށް ގެންދިއުމަށް ވެސް އަޅުގަނޑުމެން ވަނީ ޕްލޭން ކޮށްފަ. އޭގެ ތެރޭގަ ޔޫތް އެމްބެސެޑަރުން ހޮވުމާ، އަދި އެޑްވޮކަސީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް އެކި އަތޮޅުތެރޭގަ އަޅުގަނޑުމެން ޒުވާނުން ލައްވާ ކުރިޔަށް ގެންދިއުން ޒުވާނުންގެ އިސްނެގުމާއި އެކު އަޅުގަނޑު މެންގެ މުޅި އަތޮޅުތަކުގެ ރައްތަށް އެ މައުލޫމާތު ފޯރު ކޮށްދީ ދުންފަތުގެ ވަބާއިން އަޅުގަނޑުމެންނަށް ސަލާމަތް ކުރުމައްޓަކައި އެޅެން ހުރި ފިޔަވަޅުތަކާ މެދު މީހުން އެވެއާކޮށް އެކަން ކުރިޔަށް ގެންދިއުމަށް އަޅުގަނޑުމެން ވަނީ ނިންމާފަ"

ކުޅިވަރާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު

ވަޒީރު އިތުރަށް ވިދާޅުވީ، މި ޕްރޮގްރާމުގެ އިތުރުން އެ ވުޒާރާއިން އެކި އަތޮޅުތަކަށް ބަހާލައިގެން ކުރިއަށް ގެންދާ ހަށިހެޔޮ ޕޮރޮގްރާމް އިން ވެސް ދުންފަތުގެ އިސްތިއުމާލުން ދުރުހެލިވުމަށް ދޭ ސެޝަންތަކެއް ވެސް އެ ޕޮރޮގްރާމް ތެރޭގައި ހިމެނިގެން ދާނެ ކަމަށެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.