ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް 5 އަހަރު ދުވަހުގެ ގައުމީ ކެމްޕޭނެއް މިއަދު ލޯންޗު ކުރެވޭނެކަމަށް ސިއްހަތާއި އާއިލާ އަދި އިޖުތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ވަޒީރު ގީލާ މިހެން ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ކެމްޕޭނަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ކެމްޕޭނެއް ކަމަށާއި މިއަދުގެ ވަގުތެއްގައި މި ކެމްޕޭން ލޯންޗު ކުރެވޭނެކަމަށެވެ.
މީގެ އިތުރުން ވަޒީރު ވަނީ މީގެ ކުރިން ކުރިއަށް ގެންދިޔަ މިފަދަ ބޮޑެތި ހަރަކާތްތަކުގައި ރައްޔިތުންގެ ފަރާތުން ސާބިތުކަމާ އެކު އަބަދުވެސް ދައްކަވަމުންދާ އެއްބާރުލުން ފާހަގަ ކުރައްވާފައެވެ. އެގޮތުން މިފަދަ ބޮޑު ގައުމީ ކެމްޕޭނެއްގެ ނަތީޖާ، އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުން ނެތި ނުފެންނާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.