ދުނިޔޭގެ ނިސްބަތުން އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ ގާތްގަނޑަކަށް 40 މިލިއަން ކުދިން އަންނަނީ ދުންފަތުގެ އެކި ބާވަތްތައް ބޭނުން ކުރަމުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރޭގައި 20 މިލިއަން ކުދިން ސިނގިރޭޓު ބޯއިރު، 15 މިލިއަނަށްވުރެ ގިނަ ކުދިން އީ-ސިނގިރޭޓު ނުވަތަ ވޭޕް ބޭނުން ކުރެއެވެ. އަދި ބޮޑެތި މީހުންނަށްވުރެ ކުޑަކުދިން ވޭޕްކުރުމުގެ ފުރުސަތު 9 އިންސައްތަ އިތުރު ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ރާއްޖޭގައި ވޭޕްގެ އާލާތްތައް ގާނޫނީގޮތުން މަނާކޮށްފައިވާއިރު، މަދުން ނަމަވެސް މިތަކެތި އެތެރެކުރާކަންވަނީ ފާހަގަކުރެވިފައެވެ. އަދި މިގޮތަށް އެތެރެކުރާ ތަކެތި ހޯދައި ނައްތާލުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ވޭތުވެދިޔަ ދިހަ އަހަރު ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވީ ނަމަވެސް، ދުންފަތުގެ ސިނާއަތުން އަންނަނީ އީ-ސިނގިރޭޓާއި، ނިކޮޓިން ޕައުޗް ފަދަ "އީޖާދީ" އުފެއްދުންތަކުގެ ނަމުގައި އާންމުން ދެވިހިފުވުމަށް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން، އާންމު ސިއްހަތު ރައްކާތެރިކުރުމަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައިކަމަށް ވިދާޅުވިއެވެ.
އެޗްޕީއޭއިން ބުނީ ދުންފަތުގެ ސިނާއަތުގެ އޮޅުވާލުންތައް ހާމަކޮށް، އަންނަން އޮތް ޖީލުތައް ދުންފަތާއި ނިކޮޓިންގެ ދެވިހިފުމުން ސަލާމަތް ކުރުމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރުމަކީ އެ އޭޖެންސީގެ އަމާޒެއް ކަމަށެވެ. އަދި މިއީ ސަރުކާރާއި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކާއި، މުޅި މުޖުތަމައު ގުޅިގެން ދުންފަތާއި ނިކޮޓިންއިން ސަލާމަތްވެފައިވާ މުސްތަގުބަލެއް ބިނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތަކެވެ. ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހު، އެންމެންވެސް އަމާޒު ކަނޑައަޅަންވީ، އަދާއި މާދަމާގެ ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުންކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހެވެ. މި އަހަރުގެ ޝިއާރުގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" އެވެ.
މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤުޞަދަކީ ދުންފަތާއި ނިކޮޓިންގެ ސިނާއަތްތަކުން އެމީހުންގެ އުފެއްދުންތަކުގެ ސިފަ ބަދަލުކޮށް، އައު ޖީލުތަކުގެ ކުދިން، ޚާއްޞަ ކޮށް ކުޑަކުދިންނާއި ފުރާވަރުގެ ޒުވާނުން މި ނުރައްކާތެރި މަޅީގައި ޖެއްސުމަށް ކުރަމުންދާ މަސައްކަތްތައް ދުނިޔެއަށް ހާމަ ކޮށްދިނުމެވެ. އަދި ދުނިޔޭގެ ފެންވަރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހަރުދަނާ ފިޔަވަޅު ތަކުން ރެކުމަށް އެ ސިނާޢަތްތަކުން ކުރާ މަސައްކަތް ތަކަށް ހޭލުންތެރިކަން އިތުރު ކުރުމެވެ.