ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ފުލެޓު ލިބުނު ފަރާތްތައް ރަޖިސްޓްރީވުން އަވަސްކުރަން "ފަހި ޔޫނިއަން" އިން އިލްތިމާސްކޮށްފިއެވެ.

އެފްޑީސީ އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަނުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ 4000 ފުލެޓު ލިބިފައިވާ ފަރާތްތަކަށް ރަށްވެހިކަން ރަޖިސްޓްރީކޮށްދިނުމަށް ހައުސިން މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް އަންގައި އަދި ހައުސިން މިނިސްޓްރީ އާއި އެފްޑީސީން ފުރިހަމަ ކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކޮށްދިނުމުން 4000 ފުލެޓުގައި ދިރިއުޅޭ މީހުންގެ ރަށްވެހިކަން ރަޖިސްޓްރީކޮށްދިނުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެގޮތުން އެ ބަޔާނުގައި އެފްޑީސީން ތަރައްގީކުރި 4000 ފުލެޓު ލިބިފައިވާ ފަރާތްތަކުން މާލޭގެ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެކަމަށް ޚާއްސަކޮށްފައިވާ އެފްޑީސީގެ ޕޯޓަލަށް ހުށަހަޅައިގެން ހޯދުމަށްފަހު މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް އެ ޔޫނިއަނުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރު މުހައްމަދު އިބްރާހިމްގެ ސުވާލަކަށް ޖަވާބު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވީ ސަރުކާރުން ކަނޑައަޅާފައިވާ އެއްބަސްވުމުގައި 'ސޭލްސް އެންޑް ޕާޗޭސް'ގެ ބަދަލުގައި 'ރެންޓް އޯން' މޮޑެލް ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދެވޭނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި ރަޖިސްޓްރީ ހެއްދުމާއިބެހޭ އެންމެހައި ކަންކަން ކުރިޔަށް ގެންގޮސްދިނުމަށް އެދި 22 އެޕްރީލް 2026 ގައި ސިޓީގެ ޒަރީޔާއިން މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ހަމައެހެންމެ މާލޭގައި ރަށްވެހިންގެ ރަޖިސްޓްރީ ހައްދައިދިނުމުގެ ހުއްދަ ފަހި އެފްޑީސީއިން މާލޭ ސިޓީ ކައުންސިލަށް ދިނުމަށާއި، އެކަމަށް ބޭނުންވާ ސިޓީ ފަދަ އެހެނިހެން ލިޔެކިއުންތައް ހައުސިންގ ޔުނިޓް ލިބިފައިވާ ފަރާތްތަކަށް ދިނުމަށް އެފްޑީސީ އަށް 22 އެޕްރީލް 2026 ގައި ސިޓީގެ ޒަރީޔާއިން އަންގާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި ބުނީ 22 އެޕްރީލް 2026 ގައި ހައުސިންގ މިނިސްޓްރީ އަދި އެފްޑީސީ އާއި ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު ސިޓީތައް، މިނިސްޓަރުވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެފްޑީސީގެ ފުލެޓުތައް ލިބިފައިވާ ރައްޔިތުން މާލޭ ރަށްވެހިންގެ ރަޖިސްޓްރީގައި ރަޖިސްޓްރީ ވުމަށް މާލޭ ސިޓީ ކައުންސިލަށް ހުށަހަޅަން ބޭނުންވާ ލިޔެކިއުންތައް، އެކަމަށް ޚާއްސަކުރެވިފައިވާ އެފްޑީސީގެ ޕޯޓަލް މެދުވެރިކޮށް 6 މޭއި 2026 އިން ފެށިގެން ލިބޭނެގޮތް އެފްޑީސީ އިން ހަމަޖައްސާފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދި އެ ސިޓީ ހޯދުމަށް ޕޯޓަލްއަށް ހުށަހަޅާ ފަރާތްތަކަށް އެފްޑީސީގެ ފަރާތުން ސިޓީ ދޫކުރަން ފަށާފައިވާ ކަމުގައިވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން 4000 ފުލެޓް ލިބިފައިވާ ފަރާތްތަކުން ވާންއޮތް އެންމެ އަވަހަށް އެފްޑީސީގެ ޕޯޓަލް އަށް ހުށަހަޅައިގެން މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރީވުމަށް ބޭނުންވާ ސިޓީ އެފްޑީސީ އިން ހޯދުމަށްފަހު، މާލޭ ސިޓީ ކައުންސިލަށް ހުށަހެޅުމަށް ފަހިޔޫނިއަނުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފަހި ޔޫނިއަނުން ވަނީ އެ 4000 ފުލެޓު ލިބިފައިވާ ފަރާތްތަކަކީ މާލޭ ރަށްވެހިންގެ ރަޖިސްޓަރީގައި ހިމެނިފައިނުވާ ފަރާތްތަކަކަށް ވުމުން، އެ ފަރާތްތަކަށް ނުހަނު ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ބަޔަކަށްވާތީ، މާލޭ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް އިތުރު ތަކްލީފެއް ނުޖައްސައި ރަށްވެހިންގެ ރަޖިސްޓަރީގައި، ރަޖިސްޓަރ ކުރުމަށް ގޮވާލާފައެވެ.