ރައްޔިތުންގެ މަޖިލީހުން ލިބޭ މުސާރަ ފިޔަވައި، އިތުރު އެހެން ފައިސާއެއް ނުލިބޭ ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ޝުޖާޢު މިހެން ވިދާޅުވީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުންނަށް ފައިސާ ބަހާފައިވާ ކަމަށް ބުނެ "އަދަދު" ނޫހުން ރިޕޯޓުކޮށްފައިވާ ހަބަރަކާއި ގުޅިގެންނެވެ.
އެގޮތުން އެކަމަށް ރައްދުދެއްވާ ޝުޖާއު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
ޝުޖާއު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ޕީއެންސީ ޕާލަމެންޓް ގްރޫޕަށް ފައިސާ ބަހައިފި ކަމަށް ޢަދަދު ނޫހުން ރިޕޯޓުކޮށްފައިވާ ޚަބަރަކީ ދޮގު ޚަބަރެއް ކަމަށެވެ.
އެގޮތުން ޕީއެންސީ ޕާލަމެންޓް ގްރޫޕް މެމްބަރުންނަށްވެސް ލިބެނީ އެމްޑީޕީ އާއި އެހެނިހެން މެމްބަރުންނަށް ލިބޭގޮތަށް ލިބޭ މަޖިލީހުގެ މުސާރަ، ކަމަށް ޝުޖާއު ވިދާޅުވިއެވެ.
އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ މެމްބަރުންނާ ގުޅޭގޮތުން މިގޮތަށް ފަތުރާ ދޮގު ޚަބަރުތައް ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ދޮގު ޚަބަރު ފަތުރައި، ފިތުނަ އުފައްދައިގެން ޕީއެންސީގެ ޕީޖީ ގްރޫޕް ރޫޅާލެވޭނެ ކަމަށް ދެކުމީ މޮޔަކަމެއް ކަމަށެވެ.
ޝުޖާއު ވަނީ ޕީއެންސީގެ ސްޕަރ މެޖޯރިޓީ އޮތް 20ވަނަ މަޖިލީހުން މަސައްކަތް ކުރާނީ ޤައުމާއި ރައްޔިތުންގެ ލާބަޔަށް ކުރެވޭ މުހިއްމު މަސައްކަތްތައް ކަމުގައި ފާހަގަކުރައްވާފައެވެ.