ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމަށް އާ ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި މިއަދު މެންދުރު ބޭއްވުމަށް ހަމަޖެއްސި ޖަލްސާ މާދަމާއަށް ފަސްކޮށްފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުންނެވި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ނާޒިމް މަޖިލީހުގެ ނައިބު ރައީސްކަމުން ވަކިކުރުމާ ގުޅޭ ޖަލްސާ މިއަދު 9 ޖަހާއިރަށް ތާވަލުކޮށްފައި އޮތް ނަމަވެސް ައެ ޖަލްސާ ފެށެން ކުޑަ ވަގުތުކޮޅެއް އޮއްވާ އޭނާ ވަނީ، ތުހުމަތުތަކަށް އިންކާރުކުރައްވައި މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން، މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ވަނީ އެކަން ރަސްމީކޮށް ޖަލްސާގައި އިޢުލާން ކުރައްވާފައެވެ.

ނާޒިމް އިސްތިއުފާ ދެއްވުމުން މިއަދުގެ ޖަލްސާ އިތުރަށް ކުރިއަށް ނުގެންގޮސް ވަނީ ނިންމާލާފައެވެ. އަދި ރިޔާސަތުން ވަނީ މިއަދު މެންދުރު 1:00 އަށް މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވާކަން ހާމަކޮށްފައެވެ.

އެ ޖަލްސާ ބާއްވަން ނިންމީ މަޖިލީހުގެ ނައިބު ރައީސަކު އިންތިޚާބު ކުރުމަށެވެ.

ނަމަވެސް މަޖިލިސް އިދާރާއިން މިހާރު ވަނީ މެންދުރުގެ ޖަލްސާ ނޯންނާނެކަން މެންބަރުންނަށް އަންގާފައެވެ.

މީގެ އިތުރުން މަޖިލިސް އިދާރާއިން މިހާރު ނެރެފައިވާ ނޯޓިސްގައިވާ ގޮތުން، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނީ މާދަމާ ހެނދުނު 9 ޖަހާއިރުއެވެ.