އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާޞިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ، ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެ މަނިކުފާނު ވަނީ ދުންފަތާ ގުޅޭ އިތުރު ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

އަދި ދުންފަތުގެ ނުރައްކަލުން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމުގެ އަޒުމް އެ މަނިކުފާނުވަނީ އައުކުރައްވާކަމަށެވެ. ރައީސް ވަނީ އީ- ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" ތަންފީޒުކުރަންފެށި ދުނިޔޭގެ ފުރަތަމަ ޤައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަޙައްދުތައް ކަނޑައެޅުމާއި، ޤާނޫނާއި ގަވާއިދުތައް އިސްލާޙުކުރުމުގެ މަސައްކަތް ކުރައްވަމުންގެންދަވާނެކަމަށާއި ދުންފަތުން ރައްކާތެރި ދުޅަހެޔޮ ޤައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވާފައެވެ.

މި ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ ދުންފަތް މަނާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާ، ދުންފަތުގެ ވިޔަފާރިކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމުގައި ކަނޑައެޅުމާ، ދުންފަތުގެ ބާވަތްތައް ރާއްޖެ އެތެރެކޮށް ވިއްކޭނީ ސިއްހީ އިންޒާރު ހިމަނައިގެންކަމަށް ކަނޑައެޅުމުގެ އިތުރުން 2007 ވަނަ އަހަރުގެ ފަހުން އުފަންވާ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން މަނާކުރާ 'ޖެނެރޭޝަނަލް ބޭން' ތަންފީޒުކުރަން ފެށުން ހިމެނއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހުގަ އެވެ.