ރައްޔިތުންގެ މަޖިލީހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރު އެކެއް ޖަހާއިރު ބޭއްވުމަށް ތާވަލްކޮށްފިއެވެ.
މަޖިލިހުގެ އިތުރު ޖަލްސާއެއް މިއަދު މެންދުރު ބާއްވަން ތާވަލު ކޮށްފައި ވާއިރު، ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް ވަނީ މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ނާޒިމް އިސްތިއުފާ ދެއްވީ މިއަދު ހެނދުނު ނުވައެއް ޖެހިއިރު ބޭއްވި ޖަލްސާއަށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލްކޮށްފައި ވަނިކޮށެވެ.
މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ނާޒިމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެޖެންޑާގައި އިތުރު ކަމެއް ނެތުމުން ހެނދުނުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށެވެ. ނަމަވެސް، މިއަދު މެންދުރު 13:00 ގައި އިތުރު ޖަލްސާއެއް ބާއްވާނެކަން އަބްދުއްރަހީމް ވަނީ ފަހުން އިޢުލާން ކުރައްވާފައެވެ.
އެ ޖަލްސާގެ ރަސްމީ އެޖެންޑާ އަދި ހާމަނުކުރި ނަމަވެސް، އެ ޖަލްސާގައި އޮންނާނީ މަޖިލީހުގެ އައު ނައިބު ރައީސަކު އިންތިޚާބު ކުރުން ކަމަށް ބެލެވެއެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން މި އަހަރުގެ ފުރަތަމަ ދައުރު މި މަހުގެ 14 ވަނަ ދުވަހަށް ނިމެންޖެހޭނެއެވެ.
ނަމަވެސް، މަޖިލީހުން ވަނީ ނައިބު ރައީސް ނާޒިމު މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަން މި ހިނގާ ދައުރު މިއަދުގެ ނިޔަލަށް އިތުރުކޮށްފައެވެ.
އެހެންކަމުން މިއަދަކީ މަޖިލީހުގެ މިދައުރުގެ އެންމެ ފަހު ދުވަހެވެ.