މިއަހަރުގެ ހައްޖުގެ ހުރިހާ ކަމެއްވެސް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާކަމަށް މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު އަދި ހައްޖާއި އުމްރާގެ ދާއިމީ ކޮމިޓީގެ ނައިބު ރައީސް ޕްރިންސް ސައުދު ބިން މިޝްއާލް އިއުލާންކުރައްވައިފިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން ނިންމާލެވުނުކަން ހާމަކުރައްވާ ޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނުގައި ޕްރިންސް ސައުދު ބިން މިޝްއާލް ވިދާޅުވީ 1447 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން ނިމިގެންދިޔަކަން އިއުލާންކުރުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި މިކާމިޔާބީ ފާހަގަވެގެންދިޔައީ އަމާންކަމާއެކު، އިންތިޒާމުތަކުގެ ފުރިހަމަކަމާއި އަދި ބޭނުންވާ ހުރިހާ ޚިދުމަތްތަކާއި އެހީތެރިކަން އެންމެ ފުރިހަމައަށް ފޯރުކޮށްދެވިގެންދިޔަ ހައްޖެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
ޕްރިންސް ސައުދު ވިދާޅުވި ގޮތުގައި ހައްޖުވެރިން އަޅުކަން އަދާކުރީ އަމާންކަމާއި، ސުލްހަމަސަލަސްކަމާއި އަދި ފަސޭހަކަމާއެކުގައެވެ. އަދި ހައްޖާޖީންނަށް ހިދުމަތްތައް ފޯރުކޮށްދެވިފައިވަނީ އެ މުގައްދަސް ބިމުގެ މާތްކަމާއި އެ މޫސުމުގެ މުހިންމުކަމާ އެކަށީގެންވާ ފަދަ މަތިވެރި އަޅާލުމަކާއެކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މި ހައްޖު މޫސުން ކާމިޔާބުކަމާ އެކު ނިމިގެންދިޔައީ، ހައްޖުވެރިންނަށް ހިދުމަތް ކުރުމަކީ ލިބޭ ޝަރަފެއްގެ ގޮތުގައި ދެކޭ އަދި އިންސާނީ އަޅާލުމަށް އެންމެ އިސްކަމެއްދޭ ލީޑަޝިޕެއްގެ ސަބަބުން ކަމަށް ވެސް ވިދާޅުވިއެވެ. މި ލީޑަޝިޕުން ވަނީ ހައްޖުގެ އޮޕަރޭޝަންތަކުގެ ކޮންމެ މަރުހަލާއެއްގައި ވެސް މެދުކެނޑުމެއްނެތް އެހީތެރިކަން ކަށަވަރުކޮށްދީފައި ކަމަށް ވެސް ވިދާޅުވިއެވެ.
ސައޫދީގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން 165 ގައުމަކުން މި އަހަރު 1,707,301 މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. އެއީ 893,396 ފިރިހެނުންނާއި 813,905 އަންހެނުންނެވެ. މިއަހަރު ހައްޖުގެ އަޅުކަން އަދާކުރި މީހުން މިދިޔަ އަހަރަށްވުރެ ގިނައެވެ.