ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމަށް ބާއްވާ ޖަލްސާ މާދަމާ ހެނދުނު 9 ޖަހާއިރު ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.
މާދަމާ ގެ ޖަލްސާގެ އެޖެންޑާގައި އޮތް ހަމައެކަނި މަސައްކަތަކީވެސް މިއެވެ. ރައީސްގެ މޭޒުން ހުށަހަޅާކަންކަމުގެ ތެރޭގައި ވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ބ ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރ އަހުމަދު ނާޒިމް ވަކިކުރުމަށް ހުށަހަޅުއްވާފައިވާ ގަރާރު ހުށަހެޅުމެވެ. އެއަށްފަހު ދެން އޮތީ ވޯޓަށް އެހުމެވެ.
ނާޒިމް މަގާމުން ދުރުކުރުމަށް ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޕީއެންސީގެ 73 މެންބަރުންގެ ސޮޔާއެކު އެވެ. މި ޤަރާރު މަޖިލީހަށް ހުށަހެޅީ މި މަހުގެ 14 ވަނަ ދުވަހު އެވެ. މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މިފަދަ ޤަރާރެއް ލިބުމުން، ރަސްމީ ބަންދުނޫން ތިން ދުވަހުގެ ތެރޭގައި އެކަމުގެ ނޯޓިސް މެންބަރުންނަށާއި ނައިބު ރައީސަށް ފޮނުވަންޖެހެއެވެ. މިގޮތުން 14 ދުވަހުގެ ނޯޓިސްގެ މުއްދަތަށްފަހު، އެންމެ އަވަހަށް ބާއްވާ ޖަލްސާއަކަށް އެ މައްސަލަ ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން އެ ޤަރާރުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްދާ ވަގުތު، އެހެން އެއްވެސް ކަމަކާމެދު ބަހުސްކުރެވޭނީ އެ މައްސަލައާމެދު ގޮތެއް ނިންމުމަށްފަހުގައިކަމަށްވެސް ގަވާއިދުގައި ބުނެއެވެ.
އަދި މަޖިލީހުގެ ނައިބު ރައީސް ކަމުގައި ހުރި ބޭފުޅަކު މަޤާމުން ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މަގާމުން އެ ބޭފުޅަކު ވަކިވާނެއެވެ.
ނާޒިމް ނައިބު ރައީސްކަމުގެ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނީ އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތުކަމަށެވެ.
އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ. ހަމައެހެންމެ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި ހުށަހެޅުމުގައިވާ ގޮތުން އެ މައްސަލައިގެ ބަހުސަށް ހޭދަކުރަން ކަނޑައަޅާފައި ވަނީ 50 މިނެޓެވެ.
އަދި ތުހުމަތަކަށް ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދިނުމަށް ވަނީ ނިންމާފައިވާ އިރު، މީގެ އިތުރުން 50 މިނެޓް ބަހާލާނީ މެންބަރަކަށް ތިން މިނެޓްގެ އުސޫލުންނެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ