ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވައިފިއެވެ.
ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ، އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުންނަ ކޮމަންވެލްތުގެ މައި މަރުކަޒު ކަމަށްވާ މާލްބަރާ ހައުސްގައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު އިރުތިޝާމް ވަނީ ކޮމަންވެލްތާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށާއި، ދެފަރާތުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރު ކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި މިއީ ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބޭއްވި މުހިންމު ބައްދަލުވުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.
މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ސެކްރެޓަރީ ޖެނެރަލް ޝާލީ އަޔޯކޯ ބޮޗްވޭއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމަންވެލްތުގެ އާއިލާގެ ތެރޭގައި ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތަކަށް އިސްކަންދޭ ކަންކަމުގައި ރާއްޖެއިން އަދާކުރާ އިސް ދައުރާއި ގާތް ގުޅުން ބަލައިގަންނަ ކަމަށެވެ.
ދިވެހިރާއްޖެއިން އަލުން ކޮމަންވެލްތާ ގުޅުނު ފަހުން އެ ޖަމާއަތާ ގުޅިގެން ތަފާތު ދާއިރާތަކުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް، ބައިނަލްއަޤުވާމީ މައިދާނުގައި ކުދި ޖަޒީރާ ޤައުމުތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށް ރާއްޖެއިން ދަނީ އިސްދައުރެއް އަދާކުރަމުންނެވެ.