ހިމަބިހީގެ ވެކްސިން 2 ޑޯޒް ފުރިހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނިންމައިފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު ވިދާޅުވީ، ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމުން އެކަން ދަމަހައްޓާ، ބަލީގެ ނުރައްކާ ހާލަތަކަށް ދިޔުމުގެ ފުރުސަތު އޮތް މީހުން މަދުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

ހިމަބިހީގެ ވެކްސިނަށް ޤައުމީ ވެކްސިން ތާވަލުގެ ތެރެއިން އެމްއާރް ވެކްސިން އަދި އެމްއާރްއައިގެ 2 ޑޯޒު އަންނަނީ ދެމުންނެވެ. އެހެންނަމަވެސް މިވެކްސިންތައް ދީފައިވާކަން ކަށަވަރުކުރެވޭ ލިޔެކިޔުމެއް ނެތްނަމަ، އެންމެ ރައްކާތެރިގޮތަކީ ހިމަބހީގެ ވެކްސިންގެ 2 ޑޯޒު ފުރިހަމަކުރުންކަމަށް އެޗްޕީއޭއިން ބުނެއެވެ. ކުރީގައި 2 ޑޯޒް ފުރިހަމަކޮށްފައިވާކަމުގެ ޑޮކިޔުމެންޓޭޝަން އޮތް މީހެއްނަމަ އިތުރު ޑޯޒެއް ނުދޭނެކަމަށް އެޗްޕީއޭއިން ބުނެއެވެ.

ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހެއްގެ ގޭގައި އުޅޭ މީހުންނަށް ނުވަތަ ޑައިރެކްޓް ކޮންޓެކްޓްސްއަށް އަޅުގަނޑުމެން ވެކްސިން އެބަދެން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދުވަސްކޮޅުގައި ވެކްސިން ގެ 2 ޑޯޒް ފުނިހަމަ ނުކުރެވި ތިބި އާންމުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް އެބަކުރަން. ވެކްސިން ރާއްޖެއިން ބޭރުން ގެނައުމަށް ކުރިއަށްގެންދާ ޕްރޮސެސް މިހާރު ކުރިއަށްދަނީ.

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު

ހިމަބިހި ނުވަތަ މީސެލްއަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ. ނައްތާލެވިފައިވާ ގައުމެއްގައި އެންމެ ކޭސްއެއް އެއް ފެނުނުކަމުގައި ވިޔަސް އައުޓް ބްރޭކްއެއްގެ ގޮތުގައި ބަލާނެ ކަމަށް ނާޝިޔާ ވިދާޅުވިއެވެ.

ހިމަބިހި ވެކްސިންއަކީ ވެސް ނުވަތަ އެހެން ބޭހަކުންވެސް 100% ބަލި ނުޖެހޭނެކަމަށް ނުނިންމޭނެ ކަމަށާއި އެމީހެއްގެ ދިފާއީ ނިޒާމު ހުންނަ ގޮތަކުން އެމީހާއަށް ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު އޮވެދާނެ ކަމަށް ނާޝިޔާ ވިދާޅުވިއެވެ.

2 ޑޯޒް ޖެހުމުން އާންމުކޮށް 97% މީހާއަށް ބަލިން ރައްކާތެރިކަން ލިބޭނެ ކަމަށެވެ. އެހެން ނަމަވެސް ބައްޔެއް ޖެހުމުގެ ފުރުސަތު އޮވެދާނެ

އެޗްޕީއޭގެ ޕަބްލިކް ހެލްތު ޑިރެކްޓަރ، ނާޝިޔާ ޢަބްދުލްޣަފޫރު

ހިމަބިއްސަކީ ރާއްޖެއިން 2017 ވަނަ އަހަރު އެއްކޮށް ނައްތާލެވިފައިވާ ބައްޔެކެވެ. އެހެންނަމަވެސް މިވޭތުވެދިޔަ 9 އަހަރުގެ ތެރޭގައި އެކި ދުވަސްވަރު ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިންވަނީ ފެނިފައެވެ.

މި ވަގުތު ހިމަބިހީގެ 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށާ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 128 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ބުނެފައެވެ.

ހިމަބިހި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ކެއްސުމާއި ގައިގައި ރަތް ބިހިތަކެއް ނެގުމާއި ލޯ ރަތްވުން ހިމެނެއެވެ. އެގޮތުން އެޗްޕީއޭއިން ވެސް ވަނީ މީގެން އެއްވެސް އާލާމަތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެދިފައެވެ.

އެޗްޕީއޭއިން ބުނީ ރަތް ބިހިތައް ފެނުމުގެ ހަތަރު ދުވަސްކުރިންނާއި ފަހުން ވެސް ހިމިބިހި ފެތުރުމުގެ ފުރުސަތު އޮތް ކަމަށެވެ. މިހާތަނަށް އައިއިރު މިބައްޔަށް 9 މީހަކު ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.