އަންނަަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއަރޕާސަން އިންތިޚާބުގެ ދާއިމީ ވޯޓާރސް ލިސްޓް އެ ޕާޓީން އާންމުކޮށްފިއެވެ.
އެ ޕާޓީން ބުނީ އާންމުކުރި ދާއިމީ ލިސްޓުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ހުކުރު ދުވަހުން ފެށިގެން އިންތިޚާބު ބާއްވާ ދުވަހާ ހަމައަށް ޕާޓީން ވަކިވާ މެންބަރުންގެ ނަންތައް ލިސްޓުން އުނިކުރެވެމުންދާނެ ކަމަށެވެ. އަދި މިގޮތަށް ލިސްޓުން އުނިކުރާ ފަރާތްތަކުގެ ތަފްސީލް ފަހުން އިއުލާން ކުރާނެ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ.
އިންތިޚާބުގެ ދާއިމީ ލިސްޓު އާންމުކޮށްފައިވަނީ ކޮންމެ މެންބަރަކުވެސް ވޯޓުލުމަށް ރަޖިސްޓްރީ ކުރެވިފައިވާ ރަށުގެ ތަފްސީލާ އެކުގައެވެ.
އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލު އަހުމަދު ނަސީމެވެ. މި ދެބޭފުޅުންވެސް ގެންދަވަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.