ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ގޮތެއްގައި އޮތުމަށްޓަކައި އެމްޑީޕީ ރާއްޖޭގެ ވެރިކަމުގައި އޮތުން މުހިންމުކަމަށާއި، އެކަމަށްޓަކައި ނިޒާމީ ގޮތެއްގައި ބޮޑެތި ބަދަލުތައް ގެންނަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުތަކުގައި ރައީސް ނަޝީދު އެންމެ ބޮޑަށް އަލިއަޅުވާލަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އަންނަން ޖެހޭ ބަދަލުތަކާއި ގުޅޭގޮތުންނެވެ.

ހާއްސަކޮށް ރައީސް ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ގުޅިގެން ހުށަހަޅުއްވާފައިވާ ”ބޮޑު ބަދަލު“ ގެ ބޭނުމަކީ ނިޒާމީ މިފަދަ މައްސަލަތަކަށް ހައްލު ގެނައުންކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ބައިވެރިވި ބައްދަލުވުމުގައި އާންމު މެމްބަރަކު ވަނީ ކުރިޔަށް އޮތް ތަނުގައި އެމްޑީޕީގެ ސަރުކާރެއް އެކުލަވާލުމަށާއި، އެއަށް ފަހު މަސައްކަތްތައް ބައްޓަން ކުރާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރައްވާފަ އެވެ. ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ޕާޓީއަކުން ސަރުކާރާ ހަވާލުވާއިރު އެންމެ މުހިންމު އަމާޒަކަށް ވާންޖެހޭނީ ޕާޓީގެ އޮނިގަނޑު ހަރުދަނާކޮށް، އެ އޮނިގަނޑުގެ ތެރެއިން ގާބިލު މީހުންނަށް ފުރުސަތު ދިނުން ކަމަށެވެ.