ރާއްޖެއަށް 1.5 ކިލޯގެ ޑްރަގް އެތެރެކުރިކަމުގެ ތުހުމަތަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު ހައްޔަރުކުރި ދެ އަންހެނުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް، ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ އެ މައްސަލައިގައި ހައްޔަރުކުރީ ކ. ތުލުސްދޫ އާބިޖިލީހިޔާ، އާމިނަތު ރޫނާ 29، އާއި ގ. މުތީގެއާގެ އަލްޔާ ޝަރްސާ ނަސީރު، 25، އެވެ.

އެ ހާދިސާގައި ފެނިފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 1.820 ކިލޯ ގްރާމް ހުރި ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ ދެމީހުން ބަންދުގައި ބައިތިއްބަން ކްރިިމިނަލް ކޯޓުން ދީފައިވާ މުއްދަތު ހަމަވާތީ ބަންދާ މެދު އަލުން ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިއުމުން އިތުރު 30 ދުވަހަށް އެ ދެމީހުން ބަންދުކުރަން ވަނީ އަމުރުކޮށްފައެވެ.

ބަންދު އިތުރުކޮށް ނެރުނު އަމުރުގައިވާ ގޮތުން އެ މައްސަލާގައި ހިމެނޭ ޑްރަގް ރާއްޖެއަށް އެތެރެކުރުމުގައި އިސްކޮށް އުޅުނީ ރޫނާ ކަމަށް މައްސަަލަ ތަހުގީގު ކުރާ ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ.

މީގެ އިތުރުން އެ އަމުރުގައި ބުނެފައިވާ ގޮތުގައި އެ މައްސަލާގައި ހިމެނޭ އަލްޔާ ޝަރްސާ ނަސީރު ރާއްޖޭން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ ދަށުންނެވެ.

ބަންދު މަޖިލީހުގައި ފުލުހުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި، މަސްތުވާތަކެތި ގެނައި އަލްޔާގެ ޓްރެވަލް ހިސްޓްރީ އާއި ފޯނު އެކްސްޓްރެކްޝަން ރިޕޯޓް ހިމެނެ އެވެ.

އަމުރުގައި ފާހަގަކޮށްފައިވާ ގޮތުގައި ތަހުގީގަށް ފުރިހަމައަށް އެއްބާރުލުންދޭ ކަމަށް އަލްޔާ ވަނީ ކޯޓުގައި ބުނެފަ އެވެ.

އެ ދެމީހުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ގެންދިއުމުން ފުަރަތަމަ އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ.

މީގެ އިތުރުން އޭގެ ފަހުން މި މަހުގެ ތިން ވަނަ ދުވަހު އެ ކޯޓުން އަމުރުކުރީ އިތުރު 25 ދުވަހަށް އެ ދެމީހުން ބަންދުކުރުމަށެވެ.