މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާގައި ހޭދަކުރުމުގައި އިޤުތިޞާދުކުރުމަށް އަލި އަޅުވާލައި ބުނީ، މުދަލަކީ އަހަރެމެންނަށް ޓަކައި ލައްވައިފައިވާ ތަކެތި ކަމުގައި ވިޔަސް، އޭގެ ހަގީގީ މިލްކުވެރި ފަރާތަކީ މާތް ﷲ ކަމަށާއި، އެއީ އަހަރެމެން އިމްތިހާނުކުރެއްވުމަށް ޓަކައި އަހަރެމެންނާ ޙަވާލުކުރައްވައިފައިވާ އަމާނާތެއް ކަމަށެވެ.

އެހެން ކަމުން މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށް ވީތީ އެ މުދާ ހޯދުމުގައި ޝަރުޢީ މިންގަނޑުތަކަށް ރިޢާޔަތްކުރާންވާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. ހަމަ އެހެންމެ މުދާ ލިބުމަށް ފަހު އެ މުދާ ހޭދަކުރުމުގައި ވެސް ޝަރުޢީ މިންގަނޑުތަކަށް ރައްކާތެރިވާން ޖެހޭނެ ކަމަ ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މުދާ ހޯދާއިރު ޚިޔާނާތްތެރިވުމާއި، ފޭރުމާއި، ވައްކަންކުރުމާއި، ރިޝްވަތުދިނުމާއި، ޓެކުމާއި، ރިބާގެ މުޢާމަލާތުކުރުމާއި، ޖުވާކުޅުން ފަދަ ކަންކަން ކުރުމަކީ އިސްލާމްދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވައިފައިވާ ކަންކަމެވެ. މުދާ ލިބުމަށް ފަހު މުދަލަށް ގެއްލުންދިނުމާއި، މުދާ ހަލާކުކުރުމާއި، ބޭކާރު ގޮތުގައި މުދާ ހޭދަކުރުމަކީ ވެސް ހުއްދަ ކަންކަމެއް ނޫނެވެ."

ހުކުރު ހުތުބާ

ހުތުބާގައި ބުނީ، މުދާ ހޯދުމަށް ފަހު އެއިން އެއްވެސް ބޭނުމެއް ނުކޮށް އެ ތަކެތި ހަލާކުވާން ދޫކޮށްލައިގެން ނުވާނެ ކަމަށާއި، ހަމަ އެހެންމެ ބޭނުންވާ މިންވަރަށް ވުރެ އިތުރަށް މުދާ ގަތުން ފަދަ ކަންކަމުން ދުރުވާން ޖެހޭނެ ކަމަށެވެ.

ބޭނުންވާ ވަރަށް ވުރެ އިތުރަށް ގަންނަ މުދާ، ބޭނުންނުކޮށް ހުރެ މުއްދަތުހަމަވެ އުކައިލާން ޖެހޭ ކިތައްމެފަހަރެއް އަންނަކަން ފާހަގަކޮށް ހުތުބާގައި ބުނީ، މި ފަދަ ކަންކަމާ މެދު ވިސްނައި، ޢަމަލުތައް މާތް ﷲގެ އަމުރުފުޅުތަކާ އެއްގޮތަށް ސީދާކުރުން މުހިންމު ކަމަށެވެ.

"މުދަލަކީ އަހަރެމެންނާ ޙަވާލުކުރެވިފައިވާ އަމާނާތަކަށްވީ ހިނދު، އޭގައި އެހެން މީހުންގެ ޙައްޤުތަކެއް ވެސް ﷲ سبحانه وتعالى ލައްވައިފައިވެއެވެ. ތިމާއަށް ދެއްވައިފައިވާ މުދަލުގައި، ތިމާގެ އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ބޭނުންޖެހިފައިވާ މީހުންނާއި ފަޤީރުންނާއި މިސްކީނުންނާއި ޔަތީމުންގެ ޙައްޤުތައް ވާކަން ދަންނާށެވެ! އެ ޙައްޤުތަކުން އެބައިމީހުން މަޙުރޫމުކޮށްގެން ނުވާނެއެވެ."

ހުކުރު ހުތުބާ

ހުތުބާގައި ބުނީ، ދެއްވައިފައިވާ ނިޢުމަތްތަކާ މެދު ޤިޔާމަތް ދުވަހުން ސުވާލުކުރެއްވޭނެ ކަމަށެވެ.

އެ ގޮތުން އިސްރާފުކުރުމަކީ ހުއްދަ ކަންކަމުގައި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ކަމަށް ފާހަގަކޮށް ހުތުބާގައި ބުނީ، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންކަމުގައި ހޭދަކުރުން ހުއްދަވެގެންނެއް ނުވާ ކަމަށާއި، އިސްރާފުކުރުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވައިފައިވާ ކަމެއް ކަމަށެވެ.

ހުތުބާގައި ބުނީ، ދިރިއުޅުމުގެ ކަންތައްތަކާއި، ޢާއިލާގެ ޚަރަދު ބެލެހެއްޓުމުގައި އިޤުތިޞާދީ ވިސްނުމަކުން ވިސްނާން ޖެހޭނެ ކަމަށާއި، އަތްމަތި ދަތިވުމުގެ ސަބަބުތަކުގެ ތެރޭގައި އިންތިހާއަށް ޚަރަދު ބޮޑުކޮށް ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމާއި، ތިމާއަށް ލިބޭ މިންވަރަށް ވުރެ އިތުރަށް ޚަރަދުކުރުން ހިމެނޭ ކަމަށެވެ. އެހެން ކަމުން ދަރަނި ނަގައިގެން ޚަރަދުކުރާން ޖެހޭ ޙާލަތެއް މެދުވެރި ނުވަނީސް، ދަރަނިނެގުން ފަދަ ނުރަނގަޅު އާދަތަކާ ދުރުވާން ޖެހޭނެ ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ. އަދި ޙައްޤުނޫން ގޮތުގައި މުދާ ބޭނުންކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"ހަމަކަށަވަރުން މާތް ﷲ ދެއްވައިފައިވާ މުދާ، ޙައްޤު ނޫން ގޮތުގައި ހޭދަކުރާ ބަޔަކު ވެއެވެ. ފަހެ ޤިޔާމަތް ދުވަހުން އެބައިމީހުންނަށް ނަރަކަ ހުއްޓެވެ!"

ހުކުރު ހުތުބާ

ހުތުބާގައި ވަނީ އިޤުތިޞާދުކުރުމާ މެދު ފުންކޮށް ވިސްނާން ޖެހޭ ކަމަށާއި، ލިބޭ އެއްޗަކުން ޢާއިލާގެ ކަންކަން ހަމަޖައްސާ ނަމަ، އިޖުތިމާޢީ ވަރަށް ގިނަ މައްސަލަތަކުން ސަލާމަތްވެ، މުޅި ޢާއިލާއަށް އުފާވެރިކަން ގެނެސްދޭނެ ކަމަށް ބުނެފައެވެ. އަދި އެހެންކަމުން ލިބޭ އެއްޗެއް ޚަރަދުކޮށް ހުސްކޮށް ނުލައި، އެއިން ބައެއް ފަހަށް ރައްކާކުރުމަށް ވެސް ހުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.