އިންޑިއާއަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުން ވެސް ފުރުމުގެ ކުރިން ސެލްފް-ޑެކްލަރޭޝަން ފޯމު ފުރަން ޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
މޯލްޑިވިއަން އިން ބުނީ މިގޮތަށް ހަމަޖައްސާފައިވަނީ އިންޑިއާ ސަރުކާރުގެ ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) ގެ އެންގެވުމާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މި ފިޔަވަޅަކީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އެބޯލާ ބަލި ބައިނަލްއަގުވާމީ ފެންވަރުގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
މޯލްޑިވިއަނުން ބުނީ، ދަތުރުވެރިންގެ ފަސޭހައަކަށް ޓަކައި، ކިއުއާރް ކޯޑު ސްކޭންކޮށްލައިގެން މި ފޯމު ފަސޭހަކަމާއެކު ފުރާލެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާނޭ ކަމަށެވެ.
މީގެ އިތުރުން ވެސް އިންޑިއާއިން ވަނީ އެއާޕޯޓްތަކުގައި ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށް، ކޮންގޯ، ޔުގެންޑާ އަދި ދެކުނު ސޫދާނަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.