ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިއަހަރުގެ ކުރީކޮޅު ދަށްވި ނަމަވެސް މި މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވެއްޖެއެވެ.
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އޭރު ދަށްވެފައި ވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުން އަންނަ ހަނގުރާމައިގެ ސަބަބުންނެވެ.
އެގޮތުން ރާއްޖެ އަންނަ ބޮޑެތި އެއަރލައިންތައް ކަމަށްވާ ގަތަރު އެއަރވޭސް، އެމިރޭޓްސް، ފްލައި ދުބާއީ، އިއްތިހާދު އެއަރލައިންސް ފަދަ އެއަރލައިންތަކުގެ ދަތުރުތަށް ކެންސަލްވުމުން ފާއިތުވި ދެ މަހުވެސް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށްވެފައެވެ.
އެގޮތުން މިދިޔަ ދެ މަހުވެސް ރާއްޖެއަށް އެވްރެޖްކޮށް ޒިޔާރަތްކޮށްފައިވަނީ ގާތްގަނޑަކަށް 4000އެއްހާ ފަތުރުވެރިންނެވެ.
ނަމަވެސް މިހާރު ކެންސަލްކުރި ބޮޑެތި އެއަރލައިންތަކުން ރާއްޖެއަށް ދަތުރުތައް ފެށުމާއެކު އެ އަދަދު ވަނީ އިތުރުވެފައެވެ.
ޓުއަރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މި މަހުގެ މިހާތަނަށް 122,548 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
އެގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 119,468 ފަތުުރުވެރިންނާ އަޅާ ބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ.
އެ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 6,286 ފަތުރުވެރިން ޒިޔާރަތްކުރެއެވެ.
އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ގައުމުގެ ތެރޭގައި
ޗައިނާ ހިމެނޭއިރު ޗައިނާއިން ވަނީ 141,339 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އަދި ރަޝިއާ އިން 121,826 ފަތުރުވެރިން ޒިޔާރަތްކުރި އިރު، އިނގިރޭސިވިލާތުން 79,473 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ހަމައެހެންމެ އިޓަލީވިލާތުން 68,906 ފަތުރުވެރިނާއި ޖަރުމަނުވިލާތުން 60,591 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
ސަރުކާރުން ދަނީ ޓުއަރިޒަމް ސިނާއަތަށް ލިބެމުންދާ ކުރިއެރުން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ޚާއްސަކޮށް މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ފަތުރުވެރި ކަމަށް ދިމާވަމުން އަންނަ ގޮންޖެހުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.