ސްކޭމްގެ މަސައްލަ ތަކުގައި މިދިޔަ ހަފްތާ އެކަނި ވެސް 29 މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް މިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ޖުމްލަ 29 މައްސަލަ ރިޕޯޓުކޮށްފައިވާ އިރު، މި ސްކޭމް ތަކުގައި 598,467.44 ރުފިޔާ ގެއްލިފައިވާ އިރު، 255,710.99 އަނބުރާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ފުލުހުން ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ސްކޭމްތަށް އެންމެ ގިނައިން ހިނގާފައިވަނީ އޮންލައިން ވިޔަފާރި ތަކުންނެވެ.

އެގޮތުން އީ-ކޮމާސް / އޮންލައިން ވިޔަފާރީގެ (15 މައްސަލަ) ރަޖިސްޓްރީކޮށްފައިވާއިރު، ވިޔަފާރި މައުލޫމާތާއި ވިއްކާ މުދާ ދިމާވޭތޯ ކަށަވަރުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި އޮންލައިން ކޮށް ކުރާ ވިޔަފާރިއެއް ނަމަ ފިހާރަ/ގުދަން ހުރިތަން ޔަގީންކުރުމުގެ އިތުރުން އެ ވިޔަފާރި ތަކުގައި ކޭޝް ބޭނުންކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި އޮޅުވާލައިގެން އެހެން ފަރާތަކަށް ހެދިގެން ގުޅުން (02 މައްސަލަ) ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ އިރު ފައިސާ ފޮނުއްވުމުގެ ކުރިން އެ ފަރާތެއްގެ ރަސްމީ ނަންބަރަށް ގުޅައި ޔަގީންކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޑޮލަރު މާރުކުރުމުުގެ 06 މައްސަލަ މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައިވާ އިރު، ފުލުހުން ވަނީ ޑޮލަރު ނެގުމުގައި ވެސް ލައިސަންސް އޮތް ތަނެއް ނަމަވެސް، ވައިބަރ/ވަޓްސްއަޕް ނަންބަރުގެ ސައްޙަކަން ކަށަވަރުކުމުގެ އިތުރުން ރަސްމީ ނަންބަރަށް ގުޅުއްވައިގެން ނުވަތަ ގޫގުލްއިން ކަށަވަރުކުރުމަށް އިލްތިމާސްކުރުމަށް އެދިފައެވެ.

މީގެ އިތުރުން ފުލުހުން ވަނީ ޝައްކުކުރަން ފޮނުވާ ލިންކުތަކަށް ނުފިއްތުމަށާއި، OTP ހިއްސާ ނުކުރުމަށް ވެސް އެދިފައެވެ.