ވިޒިޓް މޯލްޑިވްސް ކުންފުންޏަށް ފައިދާގެ ގޮތުގައި މިދިޔަ އަހަރު 17 މިލިއަން ރުފިޔާ ލިބުނު ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އެހެންނަމަވެސް މިއީ މިދިޔަ އަހަރަށް ވުރެ 37 ޕަސެންޓް ދަށް އަދަދެކެވެ. ކުރީގެ އެމްއެމްޕީއާރްސީ އަދި މިހާރު ވިޒޓް މޯލްޑިވްސްގެ ނަމުގައި ހިންގާ އެ ކުންފުންޏަށް 2024 ވަނަ އަހަރު ފައިދާގެ ގޮތުގައި 27 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ވިޒިޓް މޯލްޑިވްސްގެ ފައިދާ އެހާ ބޮޑަށް ދަށްވީ ހަރަދުތައް އިތުުރުވުމުގެ ސަބަބުންނެވެ. މިދިޔަ އަހަރު އެ ކުންފުނީގެ އާންމު ހަރަދުތަކާއި އޮފީސް ހިންގުމުގެ ހަރަދާއި ދަރަނި އަދާކުރުމަށް ކުރި ހަރަދަށް 171 މިލިއަން ރުފިޔާ ހޭދަކުރި އެވެ. އެއީ އޭގެ ކުރީ އަހަރަށް ވުރެ ގާތްގަނޑަކަށް 20 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރު އެ ކުންފުނީގެ ހަރަދުތަކަށް 141 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.
އެންމެ ބޮޑު ހަރަދެއް ހިނގީ، އިޝްތިހާރުތައް ކުރުމާއި މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. ވިޒިޓް މޯލްޑިވްސްގެ ހަރަދުތައް އިތުރުވި އިރު، މިދިޔަ އަހަރު އެ ކުންފުނީގެ އާމްދަނީ ވެސް ވަނީ އޭގެ ކުރީ އަހަރަށް ވުރެ 60 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު އެ ކުންފުންޏަށް އެކި ދާއިރާތަކުން އާމްދަނީގެ ގޮތުގައި 36 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ ކުރީ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނީ 22 މިލިއަން ރުފިޔާ އެވެ.