ދިވެހި ވަތަނީ ހިދުމަތް ނުވަތަ ނޭޝަނަލް ސާވިސްގެ އިތުރު ދެ ބެޗުގެ ތަމްރީނު މިއަހަރު ކުރިއަށްގެންދިއުމަށް ރާވާފާއިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ލޯތްބާއި އިސްލާމީ އާދަތަށް ކުދިންގެ ގައިގައި އަށަގެންނެވުމަށް ކުރިއަށްގެންދާ ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރު މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވާއިރު، އެ ޕްރޮގުރާމުގެ ދެވަނަ ބުރު މިއަހަރު ފަށައި، ދެވަނަ ބުރުގެ ފުރަތަމަ ބެޗުގެ ދަރިވަރުން މި މަހު 17 ވަނަ ދުވަހު ވަނީ ދަސްވެނިވެފައެވެ.
"ނެޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ މިހާތަނަށް 600 އަށްވުރެ ގިނަ ޒުވާނުން ނެޝަނަލް ސާވިސް ޕްރޮގުރާމުގެ ތެރެއިން ތަމްރީނުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން ފުރަތަމަ ބެޗުގައި ހިމެނޭ 300 ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ތިބީ ވަޒީފާތަކުގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ޕްރައިވެޓް ސެކްޓާއަށް ޝައުގުވެރިވާ ކުދިން ފިޔަވާ ގިނަ ކުދިން ސިފައިންގެ އަދި ފުލުހުންގެ ހިދުމަތާއި ގުޅެމުންދާ ކަމަށެވެ.
ރައީސް ޑރ. މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި ގައުމީ ލޯތްބާއި އިސްލާމީ ރަނގަޅު އާދަތައް އަށަގަންނުވައި، އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް އަމާޒުކޮށް މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފެށި މަސައްކަތެކެވެ.