ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވަކިކުރަން ހުށަހެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމަށް އަންނަ އާދިއްތަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކޮށްފިއެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހެޅޭނީ މަދުވެގެން ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މަދުވެގެން 24 މެމްބަރުންނެވެ.
ނާޒިމްގެ އިތުބާރު ނެތްކަމަށް ފާސްކުރަން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ 73 މެންބަރުންގެ ސޮޔާ އެކު، މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނީ އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހެޅި އެއް ސަބަބަކީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ނަގާ ކަމުގެ ތުހުމަތެވެ.
އަދި ދެވަނަ ތުހުމަތަކީ މަޖިލީހުގެ މަސްލަހަތު ނަގާލަން ހިތްވަރުދީ، ޒިންމާއިން ބަރީއަވުން ކަމަށް އެ ގަރާރުގައިވެ އެވެ.
ހަމައެހެންމެ ނާޒިމް އެގޮތަށް އަމަލު ކުރައްވާތީ މެންބަރުންނާ މަތިކޮށްފައިވާ ވާޖިބުތައް އަދާކުރުމުގައި "ނައިބު ރައީސް ހުރަހަކަށް ވެފައިވާ" ކަމަށް ވެސް އެ ގަރާރުގައި ބުނެފައި ވެއެވެ.
އެކަމާ ގުޅިގެން މަޖިލީހުގެ އާންމު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު ހުށަހަޅުއްވައި، ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު އަލީ ތާއީދު ކުރެއްވި ހުށަހެޅުމުގައިވާ ގޮތުން އެ މައްސަލައިގެ ބަހުސަށް ހޭދަކުރަން ކަނޑައަޅާފައި ވަނީ 50 މިނެޓެވެ.
އަދި ތުހުމަތަކަށް ޖަވާބުދާރީވުމަށް ނާޒިމަށް 10 މިނެޓް ދިނުމަށް ވަނީ ނިންމާފައިވާ އިރު، މީގެ އިތުރުން 50 މިނެޓް ބަހާލާނީ މެންބަރަކަށް ތިން މިނެޓްގެ އުސޫލުންނެވެ.
އެ ހުށަހެޅުން ފާސްކުރީ ކޮމިޓީގެ ބައްދަލުވުމުގައި އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ފަސް މެންބަރުންގެ އިއްތިފާގުންނެވެ.
ނާޒިމް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމަށް އިންތިޚާބުކުރީ 28 މެއި 2024 ގަ އެވެ