މި ސަރުކާރުގެ "ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢު" ގެ ދަށުން، ރ. އިންނަމާދޫގައި ރުއް އިންދުމުގެ ޚާއްޞަ ހަރަކާތެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ އިންނަމާދޫ ކައުންސިލާއި ކަމާބެހޭ އިދާރާތައް ގުޅިގެން، އެ ރަށުގެ ފެހިކަން އިތުރުކުރުމަށާއި ތިމާވެށި ހިމާޔަތްކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެގޮތުން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ރުއް އިންދުމަށް ބޭއްވި މި ހަރަކާތުގައި ރަށުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
ސަރުކާރުން ފަށާފައިވާ މި ބޮޑު މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ބިންތަކުގެ ފެހިކަން އިއާދަކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށްޓަކައި ގައުމީ ފެންވަރުގައި މަސައްކަތް ކުރުމެވެ.
މިގޮތުން، ރަށްރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، އަންނަން އޮތް ޖީލުތަކަށް ރައްކާތެރި ތިމާވެއްޓެއް ކަށަވަރުކޮށްދިނުމަކީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ.
މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭގޮތުގައި، މި މަޝްރޫޢުގެ ދަށުން އިންދާ ގަސްތަކާއި ރުއްތައް ބަލަހައްޓައި ބޮޑުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ.
އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށްރަށުގެ ތިމާވެއްޓަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ވުޒާރާއިން އުންމީދު ކުރެއެވެ.