ވ. އަލިމަތާ ކައިރީގައި އޮންނަ ހޮހަޅައަކަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި މޮނިކާ މޮންޓެފަލްކޯން، 51އ އަދި ހަމަ ޔުނިވާސިޓީގެ ދަރިވަރެއްކަމަށްވާ އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް 20އ މަރުވީ އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށް އޮޓޮޕްސީ ރިޕޯޓުން ދައްކައިފި އެވެ.

މަރުވި ފަތުރުވެރިންގެ ހަށިގަނޑުތައް މި މަހުގެ 23 ވަނަ ދުވަހު އިޓަލީއަށް ގެންގޮސްފައި ވާއިރު މޮނިކާ އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާގެ އޮޓޮޕްސީ ނިންމައި، މިހާރު އެ މީހުންގެ ޖަނާޒާގެ ހުއްދަ ދީފައިވާ ކަމަށް އެ އާއިލާގެ ވަކީލް ޖިއުސެއްޕޭ ޕުގްލީސްއާ ހަވާލާދީ އިޓަލީގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ މީހުންގެ ޖަނާޒާ ބާއްވާނެ ތާރީހެއް އަދި ކަނޑައަޅާފައި ނުވި ނަމަވެސް، ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި އެ ދެ މީހުންގެ ޖަނާޒާ ބާއްވާނެ ކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

ޕްރޮސެކިއުޓަރުން ވަނީ އެ ދެ މީހުންގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން 90 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

އެ އާއިލާގެ ވަކީލާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި އޮޓޮޕްސީގެ ނަތީޖާ އާއި ރޯމް ޕްރޮސެކިއުޓަރުގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުން މަރުވެފައި ވަނީ އޮކްސިޖަން ނުލިބުމުގެ ސަބަބުންނެވެ.

ނަމަވެސް ހިސްޓޮލޮޖިކަލް ޓެސްޓްތައް ނުނިމި އޮތުމުން އެ ރިޕޯޓް ހޯދަން ހަފުތާތަކެއް ނަގާނެ އެވެ.

ރޯމްގެ ޕްރޮސެކިއުޓަރ އޮފީހުން ވަނީ އެ ފަސް ޑައިވަރުންގެ މަރުގެ މައްސަލަ ތަހުގީގު ކުރުމުގެ ގޮތުން ދިވެހި ސަރުކާރުގެ އިދާރާތަކަށް އެޑްވާންސް އިންޓަނޭޝަނަލް ރޮގޭޓަރީ ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ވަނީ އެ ޑައިވަރުން ޑައިވް ކުރުމުގައި ބޭނުންކުރި ލިޔެކިޔުންތަކާއި އިކުއިޕްމަންޓްތައް ހޯދުމަށް ޝަރުއީ އެހީތެރިކަމަށް އެދިފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި އެ ހާދިސާގައި ޑައިވިނަށްގޮސް އުޅެނިކޮށް މަރުވެފައި ވަނީ އިޓަލީއަށް ނިސްބަތްވާ 5 ފަތުރުވެރިންނެވެ.

އެއީ ޔުނިވަސިޓީ އޮފް ޖެނޯއާގެ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން، 51، އަދި ހަމަ އެ ޔުނިވާސިޓީގެ ދަރިވަރެއްކަމަށްވާ އޭނާގެ އަންހެން ދަރިފުޅު ޖޯޖިއާ ސޮމާކަލް، 20، އާއި އެ ޔުނިވާސިޓީގެ 2 ދިރާސާވެރިން ކަމަށްވާ މިއުރިއަލް އޮޑެނީނޯ އާއި ފެޑެރިކޯ ގުއަލްޓިއޭރީ، 31، އަދި ޑައިވިން އިންސްޓްރަކްޓަރެއް ކަމަށްވާ ގިއަންލޫކާ ބެނެޑެޓީ، 41 އެވެ.

އެ މީހުން ހޯދަން އުޅުމުގެ ތެރޭގައި ދިވެހި ސިފައިންގެ ޑައިވަރަކު ވެސް ވަނީ ނިޔާވެފައެވެ.

މަރުވި ފަތުރުވެރިންގެ ތެރެއިން 4 މީހުންގެ ހަށިގަނޑު ކަނޑު އަޑީގެ ހޮހޮޅައިގެ ތެރެއިން ނެގީ ކަނޑުގެ ދިރާސާތަކާއި ޑައިވިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމްއިއްޔާއެއް ކަމަށްވާ ޑައިވާޒް އެލާޓް ނެޓްވާކް- ޔޫރަޕް (ޑޭން)އިން ފޮނުވި ފިންލެންޑުގެ ތަޖުރިބާކާރު ތިން ޑައިވަރުން ދިވެހި ސިފައިންނާއި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.