ތެލުގެ އަގު ބޮޑުވުމާއެކު މަޝްރޫޢުތަކަށް ބޭނުންވާ މެޓީރިއަލްސް ގެނައުމުގައި ދަތިތައް އެބަހުރި ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ޕީއެސްއެމްގެ "ނޭޝަން ޗެޓް"ގައި ވާހަކަ ދައްކަވަމުންނެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މެދުއިރުމަތީ ހަނގުރާމައަކީ ވަރަށް ބޮޑަށް އޭގެ ސަބަބުން ކުރަން ބޭނުންވާ ވަރަށް ކަންކަން ކުރުމުގައި ސަމާލުކަންދޭންޖެހިފައިވާ ކަމަށް ވެފައިވާ ކަމަށެވެ.

" އަޅުގަނޑު ދަންނަވަމުން މި އަންނަނީ ޕްރީއޯރަޓައިޒް ކުރަން ޖެހިއްޖެނަމަ ކުރާނީ ހައުސިންއާ ހެލްތު ސެކްޓާއަށޭ. އެހެންނަމަވެސް އަދިހަމަ މި މަސައްކަތްކުރަނީ އެއްވެސް ވަރަކަށްދެން ހުރި އެއްޗެހި މަޑުޖައްސާނުލާ ކުރިއަށްގެންދެވޭތޯ. ދެން ތެލުގެ އަގުބޮޑުވުމާ މެޓީރިއަލްސް ގެނައުމުގައި ޑިފިކަލްޓީސް އެބަހުރި."

ރައީސް ޑރ. މުޢިއްޒު

ތެލުގެ އަގުބޮޑުވުމާއި ތަކެތި ގެނައުމުގައި ދަތިތައް ހުރުމާއެކު އެއާ ގުޅިގެން އަންނަ ލަސްވުން އެބަ އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަމަވެސް އެކަން މެނޭޖުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް އޮފީހުން އެމަނިކުފާނު ކޮންމެ ދުވަހަކު މިނިސްޓްރީތަކާއި ކަމާގުޅޭ އެމްޑީތަކާއި ބައްދަލުކޮށްގެން މަޝްރޫޢުތައް ކުރިއަށްދާގޮތާއި ގެންނާނެ ބަދަލުތަކަކީ ކޮބައިތޯ މަޝްވަރާކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ ދާއިރާއިން ބޮޑެތި މަސައްކަތްތަކެއް ކުރެވޭކަމަށާއި އަންނަ އަހަރުވެސް އިތުރު މަޝްރޫޢުތައް ކުރިއަށްދާނެކަމަށެވެ.

މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ އިތުރުން ރަށްރަށުގައިވެސް މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް އެކި ކުންފުނިތަކާ ހަވާލުކުރައްވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ބީއެމްއެލްގެ ފައިނޭންސްގެ ދަށުން 13 ރަށެއްގައި 900 އެއްހާ ހައުސިން ޔުނިޓް އެޅުމަށް ހަވާލުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެޗްޑީސީއާ ހަވާލުކޮށްގެންވެސް ބޮޑެތި ރަށްރަށުގައި ހައުސިންގެ މަޝްރޫޢުތައް ކުރިއަށްގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.