އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، އިލްހާމް ހައިދަރު އޮގްލޫ އަލިޔެވް އަދި ބޮޑުވަޒީރު، ޢަލީ ހިދާޔަތު އޮގްލޫ އަސަދޮވް އަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.
ރައީސް އަލިޔެވް އަށް ފޮނުއްވި ތަހުނިޔާގެ ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ، ދެ ޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމުކުރެވުނުތާ 20 އަހަރު ފުރުމުގެ މުނާސަބާ ކުޑަތަންވެފައިވާކަން ފާހަގަކުރައްވާފައެވެ.
އަދި އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރުގެ ތަރަހައިގެ މަތީގައި ޤާއިމުކޮށްފައިވާ ހަރުދަނާ ގުޅުން، ކުރިއަށްއޮތްތަނުގައިވެސް ބަދަހިވަމުންދާނޭކަމަށް އުންމީދުކުރައްވާކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.
ބޮޑުވަޒީރު އަސަދޮވް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސް މުޢިއްޒު ވަނީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމުކުރެވިފައިވާ ހަރުދަނާ، ސާބިތު ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ދެ ޤައުމުން ހިއްސާކުރާ ފަހުމުތަކާއި، އެކުގައި ކުރާ މަސައްކަތްތައް އިތުރުކުރުމަށް ދޭ އަހުމިއްޔަތުން، މި ހަރުދަނާ ގުޅުން ސާބިތުކޮށްދޭކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން މަސްލަހަތު ހިއްސާކުރާ ކަންކަމުގައި ދެ ޤައުމުން އެކުގައި މަސައްކަތްކުރާ މިންވަރު އިތުރުވެގެންދާނޭކަމުގެ ޔަޤީންކަން އެބައޮތްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް މުޢިއްޒު ވަނީ، އަޒަރުބައިޖާންގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އަޒަރުބައިޖާންގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައެވެ.
ދުވަހާ ގުޅިގެން އެ މަނިކުފާނުގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، މި ޝުއޫރުތައް ތަކުރާރުކުރައްވައި، އަޒަރުބައިޖާން މިނިވަންވި ފަހުން އެ ޤައުމުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، އެ ޤައުމުގެ ތަރައްޤީ ބައްޓަންކުރަމުންދަނީ ރައްޔިތުންގެ އުންމީދުތަކާ އެއްގޮތަށްކަން ރައީސް ފާހަގަކުރެއްވިއެވެ.
އަޒަރުބައިޖާންގެ މިނިވަން ދުވަހުގެ ގޮތުގައި 28 މޭ ފާހަގަ ކުރަނީ، 1918 ވަނަ އަހަރުގެ މޭ މަހުގެ 28 ވަނަ ދުވަހު، އަޒަރްބައިޖާން ޑިމޮކްރެޓިކް ރިޕަބްލިކް ޤާއިމުކުރި މުނާސަބަތާ ގުޅިގެންނެވެ.