އަމާޒަކީ އަދި އުންމީދަކީ އެއްލައަކަށް ވުރެ ގިނަ މެމްބަރުން އެމްޑީޕީގައި ބޭތިއްބުންކަމަށާއި އެއްވެސް މެމްބަރަކު ޕާޓީ ދޫކޮށްދިޔުމަށް އެދިވަޑައިނުގަންނަވާކަމަށް އެމްޑީޕީގެ ޗެއަރޕާސަންކަމުގެ އިންތިޚާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހު އޮންނަ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިނަށް ރައީސް ނަޝީދު މިއަދު ގެންދަވަނީ އދ އަތޮޅަށް ދަތުރުކުރައްވަމުންނެވެ. މިދަތުރުފުޅުގެ ތެރެއިން ނަގާފައިވާ ވީޑިއޯއެއް އެކްސްގައި ޕޯސްޓުކުރައްވާ ނަޝީދު ވިދާޅުވީ އަމާޒަކީ އެމްޑީޕީއަށް މެމްބަރުން އިތުރުކުރުންކަމަށެވެ. އަދި އެއްލައްކަ މެމްބަރުން އެމްޑީޕީއަށް ހަމަވާނެކަމަށްވެސް ނަޝީދު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

ޕޯސްޓުކުރެއްވި ވީޑިއޯގައި ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ އެންމެ މެމްބަރެއްވެސް ވަކިވުމަކީ އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތެއް ނޫންކަމަށާއި އެދިވަޑައިގަންވަނީ ވީހާވެސް ގިނަ ބަޔަކު އެމްޑީޕީއާ ގުޅުމަށްކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިއިންތިޚާބުގެ ތެރޭގައާއި އަދި އޭގެފަހުންވެސް އަޅުގަނޑުމެންގެ މެމްބަރޝިޕް މާބޮޑަށް އިތުރުވެގެންދާނެ. އެއްލައްކައަށްވުރެ މައްޗަށް އަޅުގަނޑުމެންގެ މެމްބަރޝިޕް ދާނެ. އެއްވެސް ބޭފުޅެއް އެއްވެސް ސަބަބަކާ ހުރެ އެމްޑީޕީ ދޫކޮށްލާކަށް އަޅުގަނޑު ކުޑަކޮށްވެސް ނޭދޭނަން. " ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިމޭރުމުން ވިދާޅުވެ ވާހަކަދައްކަވާފައިވާއިރު ނިމިގެންދިޔަ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް ނަޝީދު އާ ދެމެދު އުފެދުނު ޚިޔާލުތަފާތުވުމުގެ ތެރެއިން އެންމެ ފަހުން ނަޝީދު ވަނީ އެމްޑީޕީ ދޫކުރައްވާ ދަ ޑިމޮކްރަޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. އަދި އެމްޑީޕީ ރޫޅާލައްވާނެކަމަށް އޭރު ނަޝީދު ވިދާޅުވިއެވެ.

އޭގެފަހުން ރައީސް ނަޝީދު އާއެކު ޑިމޮކްރަޓްސް އަށް ވަޑައިގެންނެވި ބައެއް ބޭފުޅުން މިހާރު ވަނީ އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަންނަވާފައެވެ. ނަމަވެސް އޭރު އުފެދިގެންދިޔަ ޚިޔާލުތަފާތުވުންތަކުގެ އަސަރު ޕާޓީގެ ތެރޭގައި އަދިވެސް އޮތްކަން ޗެއަރޕާސަން އިންތިޚާބުގެ ކެމްޕެއިންތެރެއިން އަންނަނީ ފެންނަމުންނެވެ.

އޭރު އުފެދުނު ޚިޔާލުތަފާތުވުންތަކާއި ޕާޓީ ދޫކުރެއްވުމާއި ގުޅޭގޮތުން އެމްޑީޕީގެ އާންމު މެމްބަރުން ކެމްޕެއިން ހަރަކާތްތަކުގައި ރައީސް ނަޝީދު އާ އަމާޒުކުރާ ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަޝީދު ވަނީ އެމްޑީޕީ ދޫކޮށް ދާން އެމަނިކުފާނަށް ވުރެ ދެރަވާނެ މީހަކު ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ. ދުވަހަކު ވެސް އެމްޑީޕީ ދޫކޮށްލަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެ ނަޝީދު ވަނީ ޕާޓީ ދޫކޮށްލަން ޖެހުނު ސަބަބުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ނަޝީދު ވިދާޅުވީ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށް ފަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އެ މަނިކުފާނާ ވާހަކަ ދެއްކުން ހުއްޓާލެއްވި ކަމަށެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި، އެމަނިކުފާނާ އެންމެ ގާތްކޮށް މަސައްކަތް ކުރެއްވި މެންބަރުންނަށް ޕާޓީގެ ތެރެއިން ފިޔަވަޅު އަޅަން ފެށުމުން، އެމްޑީޕީގައި ހުންނަވަން ބޭނުންފުޅު ނުވީ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ ވެސް ގޯސްތަކެއް ހުރެދާނެ ކަމަށާއި، 2023 ވަނަ އަހަރު އެމްޑީޕީއާ ވަކިވާން ނިންމެވި ނިންމެވުމަށްޓަކައި އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އެހެންނަމަވެސް، އެމްޑީޕީގެ މެންބަރުން ވެސް އެމަނިކުފާނުގެ ކިބައިން މައާފަށް އެދުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

މީގެއިތުރުން މިފަހުން އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ބަލިވާ މީހުން ތިބެން ޖެހޭނީ އެ ޕާޓީގެ ކަންކަމުގައި "ތަންކޮޅެއް ދުރުގައި" އަދި ކައިރީގައި ތިބެން ޖެހޭނީ މޮޅުވާ މީހުން ކަމަށް އެ މަނިކުފާނު ވިދާޅުވުމުން އެ މައްސަލަ އޮތީ އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހޫނުވެފައެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިޔާގައި ބަހުގެ ހަމަލާތަކެއް ދެ ފެކްޝަންގެ މެދުގައި އަންނަނީ ބަދަލުކުރެވެމުންނެވެ.

އަނެއްކޮޅުން އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދާ އެކު ވާދަކުރައްވާ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ކެމްޕެއިން ހަރަކާތެއްގައި ފުރަތަމަ ފަހަރަށް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ޅ. ހިންނަވަރުގައި ވާހަކަދައްކަވަމުން ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ވަނީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަން ޖެހިވަޑައިގަންނަވާ އިންތިހާބެއް ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިހާރު ފުރުސަތު ދޭންވީ އާ ލީޑަރުން އުފެއްދުމަށް ކަމަށް ވިދާޅުވެފައެވެ. ޗެއަރޕާސަން އިންތިޚާބުގައި ރައީސް ޞާލިހު ވަނީ މީކާއީލަށް ތާއީދުކުރައްވާކަން އިއުލާންކުރައްވާފައެވެ.

މިވަގުތު އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީ އަށް އެއްލައްކަ މެމްބަރުން ހަމަކުރެއްވުމަށް ނަޝީދު އަމާޒު ހިތްޕަވާފައިވާއިރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އެނގޭގޮތުން އެޕާޓީގައި މިވަގުތު ތިބީ 43،784 މެމްބަރުންނެވެ.