ޢީދުގެ އެންމެ މަތީ މަޤްޞަދަކީ ﷲ މަތިވެރިކޮށް އުފާވެރިކަން ފާޅުކުރުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އަޟުހާ އީދުގެ މުނާސަބަތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ، އީދުގެ އެންމެ މަތީ މަގްސަދަކީ މާތް ﷲ ގެ މަތިވެރިކަން ހަނދުމަކޮށް، އެކަލާނގެއަށް ޝުކުރުވެރިވުމާއެކު އުފާވެރިކަން ފާޅުކުރުން ކަމަށެވެ.

އަދި އީދަކީ އިސްލާމްދީނުގައި ވަރަށް މުހިންމު މަގާމެއް ދެވިފައިވާ މުނާސަބަތެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ އިސްލާމީ އުންމަތުގެ އެންމެ މަތިވެރި އަޅުކަން ކަމުގައިވާ ހައްޖުގެ މަތިވެރި މަޝާއިރުތަކުގައި ބައިވެރިވާ މުސްލިމުން މާތް ﷲ އަށް ތަލްބިޔާ ކިޔަމުންދާ މި މުގައްދަސް ދަނޑިވަޅުގައި، ރާއްޖޭގައި އީދު ފާހަގަކުރާއިރު އެކަންކަމުގެ މަތިވެރިކަން ހިތަށް ގެނައުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.