ޢީދަކީ މުޅި އިސްލާމީ އުންމަތް އެ ކަމުގެ އުފަލުގައި ބައިވެރިވެ އުފާ ފާޅުކުރާންޖެހޭ ދުވަސްތަކެއް ކަމަށް މިއަދުގެ ޢީދު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދު އިއްވި އީދު ޚުތުބާގައި އަލިއަޅުއްވާލައްވާފައި ވަނީ ރާއްޖޭގެ އެކިއެކި ޞިނާޢަތްތަކުގައި މަސައްކަތްކުރަމުންދާ ބިދޭސީ މުސްލިމު އަޚުންނާއި އުޚުތުންނަށް ޢީދުގެ ތަހުނިޔާކިޔައި، ޢީދުގެ އުފަލުގައި އެ އަޚުންނާއި އުޚުތުން ވެސް ބައިވެރިކުރުމަށެވެ.
އަދި އަހަރެމެން އަމާން ވެއްޓެއްގައި މި ދުވަސް ފާހަގަކުރާ އިރު، އިސްލާމީ އުންމަތުގެ ބަޔަކު ނުހަނު ނިކަމެތިހާލުގައި ތިބިކަން ވެސް ހަނދާންނައްތައިނުލުމަށް އީދު ހުތުބާގައި ވަނީ ގޮވާލާފައެވެ. ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބިކަން ހަނދާންކުރުމާއި މި މާތް މަތިވެރި ދުވަހުގެ އުފާ އަހަރެމެން ފާޅުކުރާ އިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށް ނަޞްރާއި ކާމިޔާބުދެއްވާތޯ ދުޢާކުރުމަށް ވަނީ ހުތުބާގައި ގޮވާލާފައެވެ.
ޤިޔާމަތް ދުވަހު މާތް ﷲގެ ދަރުބާރަށް ހާޒިރުވެ މަޙުޝަރުގެ މައިދާނުގައި ކޮޅަށްތިބޭނޭ ދުވަސްމަތީން ހަނދާންކުރުމަށް ވަނީ ގޮވާލާފައެވެ.
އެތައް މިލިޔަން މޭލެއްދުރުން މި އަދު ފެންނާން އިރު ހުރިއިރު، މި އަދު މި އިހުސާސްކުރަމުންދާ ހޫނާއި، ޤިޔާމަތް ދުވަހު މަޙުޝަރުގެ މައިދާނުގައި މީސްތަކުންގެ ބޮލާ، ކައިވަތަކަށް ވުރެ، އިރު ކައިރިވެފައިވާ ހިނދު މީސްތަކުން ތިބޭނޭ ހާލަތާއި އެ ދުވަހުގެ ބިރުވެރިކަން ހަނދާކޮށް އެ ޖަމާޢަތުން ވަކިވުމުގެ ކުރީން އެކަކު އަނެކަކަށް މަޢާފުކޮށް ހިތްތައް ސާފުކުރުމާއެކު ސަލާންގަލާންކޮށް ހިނިތުންވުމަށް ހަނދާންކޮށްދީފައެވެ.
ބޮޑާކަމާއި ކިބުރުވެރިކަމާއި ޙަސަދަވެރިކަމާއި ނުނިޔަތްލުން ފަދަ ނޭއްގާނީ ކަންކަން ތިމާގެކިބައިގައި ހުރި ނަމަ، އެ ކަންކަން ހިތުން ފިލުވައިލުމަށް ޚުޠުބާގައި ވަނީ އެދިފައެވެ.