ދިރާގުން ބޮޑު އީދު ފާހަގަކުރުމަށް ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް މި އަހަރު ވެސް އާންމުންގެ ގިނަބައެއްގެ ބައިވެރިވުމާއި ތަރުހީބާއެކު ކުރިއަށް ގެންގޮސްފިއެވެ.
ދިރާގުން މި އަހަރު އީދު ބޮނޑިބަތް ބަހާފައިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ހުޅުމާލޭގައާއި މާލޭ ސިޓީ ކައުންސިލާ ގުޅިގެން މާލޭގަ އެވެ.
ދިރާގުން ބުނީ މިއީ، ދިވެހި ސަގާފަތާއި އާދަކާދަތައް ދިރުވައި އާލާކުރުމަށް ދިރާގުން ދޭ ހާއްސަ އަހައްމިއްޔަތުކަމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އެގޮތުން މިއީ ބޮޑު އީދުގެ އުފަލުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށް، މުޖުތަމައުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގައި ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް ދިރާގުން ހާމަކުރެއެވެ.
މި ހަރަކާތުގެ އިތުރުން، ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީދު ފާހަގަކުރުމުގެ ގޮތުން ހިންގާ ކުލަގަދަ ހަރަކާތްތަކަށް އެކި ގޮތްގޮތުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.
ދިރާގުން ދަނީ އިޖްތިމާއީ އެކިއެކި ހަރަކާތްތައް ހިންގައި، ދިވެހީންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.