އީދު ފާހަގަކުރުމުގައި އިސްލާމީ ޝަރުޢީ މިންގަނޑަށް ނުފެތޭ ކަންކަމުން ދުރުވާންޖެހޭ ކަމަށް މިއަދުގެ ޢީދު ހުތުބާގައި ގޮވާލައްވައިފިއެވެ.
މިއަދު އިއްވި އީދު ޚުތުބާގައި އަލިއަޅުއްވާލައްވާފައި ވަނީ ހިތްތައް ސާފުކުރުމާއި، އިސްލާމީ މިންގަނޑުތަކުގެ ތެރޭގައި އީދުގެ އުފާ ފާޅުކުރުމުގެ މައްޗަށެވެ.
މިއަދުގެ ޢީދު ހުތުބާގައި ވަނީ މާތް ﷲ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވެ ގިނަގިނައިން ތަކުބީރުކިޔައި އުޅުމަކީ ގަދަވެގެންވާ ސުންނަތެއްކަން ހަނދާންކޮށްދީ ޚާއްޞަކޮށް ޙައްޖުމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ގޭގޭގައްޔާއި މަގުތަކުގައި އަޑުހަރުކޮށް ތަކުބީރުކިޔުމަކީ ކީރިތި ރަސޫލާ ﷺ ގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުތަކުން ސާބިތުވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.
އަދި ޢަރަފާތު ދުވަހުގެ ފަތިހުން ފެށިގެން އައްޔާމުއްތަޝްރީޤުގެ ތިންވަނަ ދުވަހުގެ ޢަޞްރު ނަމާދުގެ ނިޔަލަށް ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި ތަކުބީރުކިޔުމުގެ މުހިންމުކަން ވަނީ ހަނދާންކޮށްދީފައެވެ.
އަދި ޢީދުގެ ދުވަސްތަކަކީ، މުސްލިމުން ކައިބޮއި އުފާފާޅުކޮށް ކުޅިވަރު ކުޅޭން އޮތް ދުވަސްތަކެއްކަން ހަނދާންކޮށްދީ ޚުޠުބާގައި ބުނީ ޢީދު ފާހަގަކުރުމުގެ ނަމުގައި ނޭދެވޭ ޢަމަލުތަކުން ދުރުހެލިވާންޖެހޭ ކަމަށެވެ.
ހަމައެހެންމެ ޢީދުގެ ކުޅިވަރުތަކުގެ ތެރެއިން މީހުންނަށް ފުރައްސާރަކޮށް މަލާމާތްކުރުމާއި، އަންހެނުން ފިރިހެން ހެދުން އެޅުމާއި ފިރިހެނުން އަންހެން ހެނދުން އެޅުމާއި ދެޖިންސު މަސްހުނިވެގެން ކުޅިވަރުކުޅުން ފަދަ ކަންކަމުން ދުރުހެލިވުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
އީދު ހުތުބާގައި ބުނީ ޢީދުގެ އެންމެހައި ޙަރަކާތްތައް އިންތިޒާމުކުރާ ފަރާތްތަކުން މާތް ﷲއަށް ބިރުވެތިވެ، އިސްލާމްދީނާ ފުށުއަރާ ކަންތައްތަކާއި އެހެން ދީންތަކުގެ ޝިޢާރުތަކާ އެއްގޮތްވާ ކަންކަމުން ދުރުހެލިވުމަކީ ވާޖިބެއްކަމަށެވެ.
އަދި ޢީދުގެ އުފަލުގައި މުސްލިމުންގެ ހުރިހާ އަޚުންނާއި އުޚުތުން ބައިވެރިކުރުމަށް ގޮވާލައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޢީދުގެ އުފަލުގައި ބައިވެރިނުވެވި ނިކަމެތިހާލުގައާއި، ނަސްލު ނައްތައިލުމުގެ ބިރުވެރި ޤަތުލުޢާންމުތަކާއި ހައިހޫނުކަމާއި ހިޔާވަހިކަމެއް ނެތި އެތައް ހާސް މުސްލިމުންނެއް ތިބިކަން މިއަދު ހަނދާންކުރުމަށް ވަނީ ނަސޭހަތްތެރިވެފައެވެ.
މިގޮތުން މިއަދު ޢީދު ފާހަގަކުރާއިރު އެ އަޚުންނާއި އުޚުތުންނަށް ހެޔޮ ދުޢާކޮށްދިނުމަށް ޚުޠުބާގައި ވަނީ އެދިފައެވެ.