އުރީދޫ އެމްފައިސާއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑިޖިޓަލްކޮށް ޢީދު ހަދިޔާ ފޮނުވޭނެ ޚިދުމަތެއް ތައާރަފުކޮށްފިއެވެ.

އުރީދޫއިން ބުނީ މި ޚިދުމަތަކީ އަޟްޙާ ޢީދާ ގުޅުވައިގެން، އާއިލާ އާއި ގާތް ރަހުމަތްތެރިންނަށް ފަސޭހަކަމާއެކު ޢީދު ހަދިޔާ ފޮނުވުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދިނުމަށް ތައާރަފުކުރި ޚިދުމަތެއް ކަމަށެވެ.

މިގޮތުން، ކަސްޓަމަރުންނަށް އެމް-ފައިސާ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް، ފައިސާ ޢީދު ހަދިޔާގެ ގޮތުގައި ފޮނުވާލެވޭނެ ކަމަށާއި، މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ޢީދުގެ އުފާވެރިކަން ހިއްސާކޮށް، ގުޅުންތައް ބަދަހިކުރުމުށް ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ޢީދު ހަދިޔާ ފޮނުވާލުމަށް އެމް-ފައިސާ އެޕް ހުޅުވާލުމަށް ފަހު އެޕްގައިވާ "އީދު ހަދިޔާ" ބެނާއަށް ކްލިކް ކޮށް، ފޮނުވަން ބޭނުންވާ ހަދިޔާ އިހްތިޔާރު ކުރުމަށްފަހު ނުވަތަ ހަދިޔާ ގޮތުގައި ފޮނުވަން ބޭނުންވާ އަދަދު ޖަހައި، ޢީދުގެ ތަހުނިޔާ މެސެޖެއް ހިމަނާލާނީ އެވެ. އަދި ޢީދު ހަދިޔާ ފޮނުވަން ބޭނުންވާ ފަރާތުގެ އެމްފައިސާ މޮބައިލް ނަންބަރު ޖަހައި އޯ.ޓީ.ޕީ ނަންބަރު ޖެހުމަށް ފަހު ވަގުތުން ފޮނުވާލެވޭނެ ކަމަށް އުރިދޫއިން ވަނީ ބުނެފައެވެ.

އުރީދޫ އިން ބުނީ، މި ހިދުމަތަކީ އެމްފައިސާގައި ރަޖިސްޓްރީވެފައިވާ ހުރިހާ ކަސްޓަމަރުންނަށްވެސް ފަސޭހަކަމާ، އަދި ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ހިދުމަތެއް ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ އަމާޒަކީ ޒަމާނީ ފިންޓެކް ވަސީލަތްތަކުގެ އެހީގައި ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދިނުން ކަމަށް އުރިދޫ އިން ބުނެއެވެ. އަދި، ޢީދުގެ އުފަލާ ގުޅިފައިވާ އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރުމުގެ ރީތި އާދަ، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެމެހެއްޓުމަށް މަގުފަހިކޮށްދިނުން ކަމަށް ވެސް އުރީދޫއިން ވަނީ ބުނެފައެވެ.