ޢީދު ބަންދާ ދިމާކޮށް ގައުމީ އެއާލައިން (މޯލްޑިވިއަން)އިން އެތެރޭގެ އުދުހުންތައް އިތުރުކޮށްފިއެވެ.

މޯލްޑިވިއަނުން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މެއި 30 އަދި 31 ވަނަ ދުވަހު އިތުރު ކުރި ފްލައިޓްތައް ހިއްސާކޮށްފައެވެ. އެގޮތުން މެއި 30 ވަނަ ދުވަހު މާލެއިން ދަރަވަންދޫ އަށް އަދި ދަރަވަންދޫ އިން މާލެއަށް ދަތުރެއް ކުރުމަށް ހަމަޖައްސާފައިވެއެވެ. އަދި ހަމަ އެދުވަހު މާލެއިން ތިމަރަފުއްޓަށާއި ތިމަރަފުށިން މާލެއަށް ފްލައިޓެއް ވަނީ ހަމަޖައްސާފައެވެ. މެއި 31 ވަނަ ދުވަހު މާލެއިން ކޫއްޑޫއަށް އަދި މާލެއިން ކައްދޫއަށް ދަތުރުކުރުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަ އެދުވަހު މާލެއިން ހަނިމާދޫ އަށާއި ހަނިމާދޫއިން މާލެއަށް އަދި މާލެއިން ހޯރަފުއްޓަށް އަދި މާލެއިން އިފުރަށް ދަތުރުކުރުމަށް ވަނީ ހަމަޖައްސާފައެވެ.

މީގެއިތުރުން ހަމަ އެދުވަހު މާލެއިން ގަމަށް އަދި ގަމުން މާލެއަށް ދަތުރުކުރުމަށް ހަމަޖައްސާފައިވާއިރު ކުޅުދުއްފުށިން މާލެއަށް އަދި މާލެއިން ކުޅުދުއްފުށިން ދަތުރުކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.

ކޮންމެ ހަފުތާއަކު ތަރުޖަމާނު ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި އީދު ބަންދާ ދިމާކޮށް ފްލައިޓްތަކުން ޓިކެޓު ނުލިބޭ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ސަރުކާރުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ޢީދު ބަންދާ ދިމާކޮށް އާންމު ޝެޑިއުލްއިން ބޭރުން 200 ދަތުރު މޯލްޑިވިއަނުން އިތުރުކޮށްފައިވާ ކަމަށެވެ.

އަދި އީދު ބަންދަކީ ލޯކަލް ޓޫރިޒަމް ކުރިއަރައިގެންދާ ދުވަސްވަރެއްކަން ފާހަގަކުރައްވާ މުންދު ވިދާޅުވީ އެ ދުވަސްތަކަކީ "މޯލްޑިވިއަން"ގެ ރާއްޖެތެރޭގެ ފްލައިޓްތަކަށް އެންމެ ލޯޑް ބޮޑު ދުވަސްތައް ކަމަށެވެ.

އެގޮތުން އެކަމާ ގުޅިގެން "މޯލްޑިވިއަން" އާ ހަވާލާދީ މުންދު ވިދާޅުވީ އެ އެއާލައިނުން 1227 ޓޯޓަލް މޫވްމެންޓް އަޅާނެ ކަމަށް ބުނެފައިވާ ކަމަށެވެ.

މިގޮތުން އެއީ 1014 ޝެޑިއުލްޑް ފްލައިޓާއި، 213 އިތުރު ފްލައިޓް ކަމަށާއި މިކަމުގައި ޓްރެންޑެއް އޮންނަ ކަން "މޯލްޑިވިއަން" އިން ފާހަގަކޮށްފައިވާ ކަމަށްވެސް މުންދު ވިދާޅުވިއެވެ.

މި ވަގުތު "މޯލްޑިވިއަން" އިން އަޅާ ކޮންމެ 5 ފްލައިޓްއަކުން އެއް ފްލައިޓަކީ އާންމުކޮށް އެހެން މަސްމަހުގައި އަޅާ ފްލައިޓަށްވުރެ އިތުރު ފްލައިޓެއް ކަމަށް "މޯލްޑިވިއަން" އިން ހާމަކުރެއެވެ.

އެ އެއާލައިނުން ލަފާކުރަނީ އީދު ބަންދުތެރޭ އެކަނިވެސް ޖުމްލަ 64،000 ސީޓު ވިއްކޭނެ ކަމަށެވެ.