ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށްވާ، ހިމަބިއްސަށް (މީސަލްސް) އިތުރު ދެމީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

މާލޭ ސަރަޙައްދުން ދެ މީހަކު މިދިޔަ ހަފްތާގައި ވަނީ ހިމަބިއްސަށް ޕޮޒިޓިވްވެފައެވެ.

އެޗްޕީއޭއިން މިއަދު ބުނީ އަނެއްކާ ވެސް ހިމަބިހީގެ އިތުރު ދެ ކޭސްއެއް ފެނިފައިވާ ކަމަށާއި އެއާއެކު ހިމަބިއްސަށް ރާއްޖެއިން ޕޮޒިޓިވް ވީ މީހުންގެ އަދަދު ނުވަޔަކަށް އަރާފައިވާ ކަމަށެވެ.

އޭގެ ތެރެއިން ހަ ކޭހަކީ މި މަހު ފެނުނު ކޭސްތައް ކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ.

އަދި މި ވަގުތުވެސް 5 ކޭސްގެ އިންވެސްޓިގޭޝަން ކުރެވެމުންދާ ކަމަށާ މި ކޭސްތަކާ ގުޅިގެން މިހާތަނަށް 128 އަށްވުރެ ގިނަ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެފައި ވެއެވެ.

އެހެންކަމުން އެޗްޕީއޭއިން ވަނީ ހިމަބިހި ފެތުރުން ހުއްޓުވުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އެދިފައެވެ.

މިގޮތުން ބައްޔަށް ޝައްކުވެގެން ޓެސްޓް ހަދައިފިނަމަ، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމާއި ހުން އައިސް ގައިގައި ރަތް ބިހި ނެގުން ނުވަތަ ރޯގާގެ އަލާމާތްތައް ފެންނަނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމާއި

ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މީގެ އިތުރުން މިފަދަ އަލާމާތްތައް ފެނިގެން ހޮސްޕިޓަލަށް އަންނައިރު، އެހެން މީހުންނަށް ބަލި ފެތުރުނަ ނުދިނުމަށްޓަކައި މާސްކު އެޅުމަށްވެސް އެޗްޕީއޭ އިން ވަނީ އެދިފައެވެ.