ހުޅުމާލެ ލަކުޑިޖެޓީ ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

އެޗްޑީސީން ކުރި އިއުލާނެއްގައިވާ ބުނީ، ހުޅުމާލެ ލަކުޑި ޖެޓީއަށް ބާޖެއް ގާތް ކުރުމުގެ ތެރޭގައި ޖެޓީއަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތު އެ ޖެޓީ ބޭނުންކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ ޖެޓީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހަދަންޖެހޭ އެންމެހައި އެސެސްމަންޓްތައް ހަދައި، މަރާމާތަށްފަހު އެތަން އަލުން ހުޅުވާލަންދެން ލަކުޑި ޖެޓީއަށް އެރުމާއި އެއްވެސް ބޭނުމަކަށް އެ ތަން ބޭނުންކުރުމަކީ މިއަދުން ފެށިގެން ވަގުތީގޮތުން މަނާކަމެއް ކަމަށެވެ.

އެހެންކަމުން އެޗްޑީސީން ވަނީ މަރާމާތުގެ މަސައްކަތް ނިމެންދެން އެއްވެސް ބޭނުމަކަށް ލަކުޑި ޖެޓީ ބޭނުން ނުކުރުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.

އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ދަތިތަކަށް އެޗްޑީސީން ވަނީ ނިހާޔަތަށް މައާފަށް އެދިފައެވެ.