މިދިޔަ އަހަރެކޭ އެއްގޮތަށް ވ.ތިނަދޫގެ އީދު ހަރަކާތްތައް މިފަހަރުވެސް ގެނެސްދޭނީ ވީޓީވީ އަދި ވީނިއުސްގެ އެކި ޕްލެޓްފޯމްތަކުންނެވެ.

ވ.ތިނަދޫ އަކީ އަބަދުވެސް ކުލަ ގަދަކޮށް އީދު ފާހަގަ ކުރަމުން އަންނަ ރަށަކަށް ވީއިރު، މި ފަހަރުވެސް 3 ދުވަހަށް ބަހާލައިގެން އީދުގެ ހަރަކާތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ފުރަތަމަ ދުވަހުގެ ހަރަކާތްތަކަށް ބަލާލާއިރު، ހެނދުނު އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށްފަހު ބަނދަރު ސަރަހައްދުގައި އީދު ބޮޑުސައި، ފެންކުޅި، ކުލަ ޖެހުން، ވާދެމުން، ސަގާފީ އެކި ހަރަކާތްތައް، މެޖިކް ޝަރީފް އާއެކު ކުޑަކުދިންގެ މެޖިކް ޝޯ އަދި ހަބޭސް ބޮޑުބެރުގެ އީދު ޝޯ ހިމެނެއެވެ.

ދެވަނަ ދުވަހުގެ ހަރަކާތްތަކަށް ބަލާލާއިރު، އަންހެނުން އަދި ފިރިހެނުންގެ ރިލޭރޭސް، އީދު މާލި އަދި ކްލިއޯ ބޭންޑް އަދި ނަސޫހުގެ އީދު ޝޯ ހިމެނެއެވެ.

އެންމެ ފަހު ދުވަސް، ތިން ވަނަ ދުވަހުގެ ހަރަކާތް ތަކަށް ބަލާލާއިރު، ކުޑަކުދިންގެ ކުޅިވަރު މުބާރާތް، ޔާރާ ގުރޫޕް ގެ އީދު ޝޯގެ އިތުރުން އީދު ގާލާ ނައިޓްގެ ނަމުގައި ދިވެހި ކެއުމެއް ހަމަޖައްސާފައިވެއެވެ.

މިފަހަރުގެ އީދުގެ ހަރަކާތްތައް އެންމެ ފުރިހަމަކޮށް ގެނެސްދިނުމަށް ވ. ތިނަދޫއިން އަންނަނީ ގިނަ ތައްޔީރީތަކެެއް ވަމުންނެވެ.

ވ.ތިނަދޫއަކީ ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ކުރިއަރަމުން އަންނަ ރަށަކަށް ވީއިރު، އީދު ފަދަ ހާއްސަ ދުވަސްތަކުގައި ބާއްވާ ހަރަކާތްތައް ބަލާލުމަށް ފަތުރުވެރިންގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން މި ރަށަށް ޒިޔާރަތް ކުރާކަން ފާހަގަކޮށްލެވެއެވެ.

އެހެންކަމުން މިފަހަރުގެ އީދު ހަރަކާތްތަކަށް ވީޓީވީ އަށް ޓިޔުންކޮށްލައްވައެވެ.