ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި ބިދޭސީއަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި 5 ބިދޭސީންގެ ތެރެއިން އެކަކު ފިޔަވައި ދެން ތިބި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ބިދޭސީއަކު ހައްޔަރުކުރި މައްސަލައިގައި ފުލުހުން ބަންގްލަދޭޝަށް ނިސްބަތްވާ ފަސް މީހަކު ހައްޔަރުކުރިއެވެ.

އެއީ ރަސަލް (20އ)، އެމްޑީ ހޮސައިން (30އ)،އެމްޑީ މެހެދި ހަސަން (34އ)، ސާފިފް ހަސަން (38އ), އެމްޑީ ޝާ އަލަމް (39އ) އެވެ.

މިދިޔަ މާރިޗު މަހު ފުލުހުން ބުނީ، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭ ބަންގްލަދޭޝް މީހަކަށް އަނިޔާކޮށް ރަހީނުކުރި މައްސަލައެއް، އެ މަހުގެ 25ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ފުލުހުންނަށް އެ މީހާ ވިލިމާލޭން ފެނިފައިވާ ކަމަށެވެ.

އެގޮތުން އެ މައްސަލައިގައި ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައި ވަނީ، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމާއި، ބިރުދެއްކުމާއި، ރަހީނުކުރުމާއި މާރާމާރީގެ ތުހުމަތު ކަމަށް ފުލުހުން ބުނެއެވެ.

މައްސަލައާ ގުޅިގެން ފުލުހުން ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކު ޝަރީއަތް ނިމެންދެން ވަނީ ބަންދުކޮށްފައެވެ.

މި މައްސަލައިގައި ދެން ހިމެނޭ އެކަކު ވަނީ އެހެން މުއްދަތަކަށް ބަންދުކޮށްފައެވެ.

ކޯޓު އަމުރުގައި ވަނީ އޭނާ ތުހުމަތަކަށް އިއުތިރާފުވެ، އެކަން ހިނގި ގޮތް ކިޔައިދީފައިވާ ކަމަށެވެ.

އެގޮތުން، މާރާމާރީ ހިންގަން ޖެހުނީ އޭނާ ދީފައިވާ ޕާސްޕޯޓުތަކެއް އަނބުރާ ރައްދު ނުކުރުމުން ކަމަަށް އޭނާ ބުނެފައިވެއެވެ.

އަދު މި މަހުގެ 10ވަނަ ދުވަހު އޭނާގެ ބަންދު މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމުގައި ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ.

މިގޮތުން ކްރިމިނަލް ކޯޓުން އެ ދުވަހު އެމްޑީ ހޮސައިންގެ ބަންދަށް 30 ދުވަސް އިތުރުކުރިއިރު، މިއަދު ވަނީ ދެން ތިބި ހަތަރު މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.